ޚަބަރު

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ބ.އަތޮޅަށް


ލޭބަރ ރިލޭޝަން އޮތޯރޮޓީ (އެލް.އާރު.އޭ) ގެ ޔުނިޓެއް ބ.އޭދަފުށީގައި ޤާއިމްކޮށް ޚިދުމަތް ދޭންފަށައިފިއެވެ. މި ޑެސްކް ޤާއިމްކޯށްފައިވަނީ ބ.އަތޮޅު ކައުންސިލްގައެވެ. އެކައުންސިލުން ވިދާޅުވީ، މި ޑެސްކުން ވަޒީފާއާ ބެހޭ ޤާނޫނަށް ޢަމަލުކުރާ މިންވަރު ބެލުމަށް ތަންތަން އިންސްޕެކްޓްކޮށް، ވަޒީފާއާއި ގުޅޭ ޤާނުނީ ލަފައާއި މައުލޫމާތު ފޯރުކޮށްދޭނެކަމަށެވެ.

އެ ޑެސްކް މެދުވެރިކޮށް ވަޒީފާގެ މާޙާއުލުގައި ދިމާވާ އެންމެހާ ކަންކަން ފަސޭހަކަމާއެކީ ޙައްލުކުރުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށްވެސް އަތޮޅު ކައުންސިލުން ވިދާޅުވެއެވެ. މީގެ ކުރިން މާލެއަށް މައްސަލަތައް ހުށައެޅިނަމަވެސް މިހާރު ސީދާ މި ޔުނިޓަށް މައްސަލަ ހުށައެޅޭނެކަމަށާ، އެމައްސަލަތައް ބަލާނީވެސް އެޔުނިޓުންކަމަށް ލޭބަރ ރިލޭޝަން އޮތޯރޮޓީން ވިދާޅުވިއެވެ.

ވަޒީފާއާބެހޭ އެކިއެކި މައްސަލަތައް ހުށަހެޅޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމަށް އެލްއާރުއޭއިން ފާހަގަކުރެއެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތާ އެއްގޮތައް މިފަދަ ގޮފިތަކެއް އަތޮޅުތެރޭގައި ޤާއިމްކޮށް ޚިދުމަތް ދޭން ފެށުމުން ޚިދުމަތް އަވަސްވުމާއި މައްސަލަތައް ހުށައެޅުމަށް ފަސޭހަވެގެން ދާނެކަމަށް ބ.އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

ބ.އަތޮޅުގެ އިތުރުން ރ.އަތޮޅާއި ށ.އަތޮޅުގައިވެސް ވަނީ މި ޚިދުމަތް ދޭން ފަށާފައެވެ. މިޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.