ދުނިޔޭގެ ވިޔަފާރި

މައިކްރޯސޮފްޓުން މުވައްޒަފުން މަދުކުރަނީ


މައިކްރޯސޮފްޓް ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރަން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެކުންފުނިން މުވައްޒަފުން މަދުކުރަން ނިންމާފައި ވަނީ ހިއުމަން ރިސޯސަސް އަދި އިންޖިނިއަރިން ޑިވިޝަންތަކުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މައިކްރޯސޮފްޓުން މުވައްޒަފުން މަދު ކުރަން ނިންމާފައިވާއިރު، މިއީ އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާއިން މުވައްޒަފުން އެންމެ ފަހުން ވަކިކުރަން ރާވާފައިވާ ކުންފުންޏެވެ. އެ ދާއިރާގެ ޑިމާންޑް ދަށްވުމާއި ގުޅިގެން އެމެޒޯން ޑޮޓްކޮމް އިންކް އާއި، މެޓާ ޕްލެޓްފޯމްސް އިންކް ފަދަ ކުންފުނިތަކުން ވަނީ މުވައްޒަފުން ވަކިކުރާނެ ކަން އިއުލާނުކޮށްފައެވެ.

ސްކައި ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުންފުނީގެ މުވައްޒަފުންގެ ގާތްގަނޑަކަށް %5 މުވައްޒަފުން މަދު ކުރަން މައިކްރޮސޮފްޓުން ވަނީ ނިންމާފައެވެ. މިކަމާއި ގުޅޭގޮތުން ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މައިކްރޯސޮފްޓުގެ ރިކްރޫޓިންގް ތެރެއިން ތިންބައި ކުޅަ އެއްބައި މަދުވާނެއެވެ.

މުވައްޒަފުން މަދުކުރުމާއި ގުޅިގެން މައިކްރޯސޮފްޓުން އަދި ވަކި އެއްޗެއް ނުބުނެއެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގައި އެ ކުންފުނީގެ 122،000 މުވައްޒަފުން އަދި ބައިނަލްއަގްވާމީ ގޮތުން 99،000 މުވައްޒަފުން ހިމެނޭ ގޮތަށް ފުލްޓައިމް 221،000 މުވައްޒަފުން ތިބި ކަމަށް ރެކޯޑުތަކުން ދައްކައެވެ.

މައިކްރޯސޮފްޓުން ކްލައުޑް ޔުނިޓް އެޒޫރްގެ ގްރޯތް ރޭޓް ދެމެހެއްޓުމަށް ޕްރެޝަރު ކުރަމުން އަންނައިރު، ޕާސަނަލް ކޮމްޕިއުޓަރު މާކެޓުގައި އެތައް ކުއާޓަރެއްގެ ދަށަށް ދިއުމުން ވިންޑޯޒް އަދި ޑިވައިސްތަކުގެ ވިޔަފާރިއަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ބައެއް ވަޒީފާތައް ވަނީ އުވާލާފައެވެ. ނިއުސް ސައިޓް އެކްސިއޯސް އިން އޮކްޓޫބަރު މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މައިކްރޯސޮފްޓުން ވަނީ ބައެއް ޑިވިޝަންތަކުން 1،000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.