ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓް އަންނަ މަހު، އިތުރު 3 އެއަރޕޯޓެއް އޯގަސްޓު މަހު


ސަރުކާރުން މިހާރު ތަރައްޤީކުރަމުން އަންނަ އެއަރޕޯޓްތަކުގެ ތެރެއިން ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް އަންނަމަހު އަނެއް 3 އެއަރޕޯޓްގެ މަސައްކަތް އޯގަސްޓްމަހު ނިންމާ ސަރުކާރަށް ހަވާލުކުރާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިވަގުތު އަންނަނީ ފަރެސްމާތޮޑާ އެއަރޕޯޓާއި، މުލީ އެއަރޕޯޓާއި މަގޫދޫ އެއަރޕޯޓްގެ އިތުރަށް އަލިފުށީ އެއަރޕޯޓް ހެދުމުގެ މަސައްކަތްކުރަމުންނެވެ. އަދި މިހާރު އެމްޓީސީސީއަށް ވަނީ ނ.މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހަވާލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ މި ދައުރުގައި ހއ.ހޯރަފުށީގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތާއި ގދ. މާވަރުލު އެއަރޕޯޓާއި ށ.ފުނަދޫ އެއަރޕޯޓުގައި ނުނިމި ހުރި މަސައްކަތްތައް ނިންމާފައިވާކަމަށެވެ. އަދި މިހާރުވެސް 5 އެއަރޕޯޓެއްގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އޭގެ ތެރެއިން ފަރެސްމާތޮޑާ އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް އަންނަ މަހުގެ ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުރައްވާނެކަމަށެވެ. އަދި ފ.މަގޫދޫ އެއަރޕޯޓާއި ރ.އަލިފުށީ އެއަރޕޯޓާއި، މ.މުލީ އެއަރޕޯޓްގެ މަސައްކަތްވެސް ނިންމާ މިއަހަރުގެ އޯގަސްޓް ނުވަތަ ސެޕްޓެމްބަރު މަހު ސަރުކާރާ ހަވާލުކުރައްވާނެކަމަށެވެ.

"މިކުރަނީ ވަރަށް ބުރަ މަސައްކަތެއް. ވަރަށް ބޮޑެތި ދަތިތަކާވެސް ކުރިމަތިލާންޖެހޭ. އެހެންނަމަވެސް މި 3 އެއަރޕޯޓްގެ މަސައްކަތްވެސް އޯގަސްޓް ނުވަތަ ސެޕްޓެމްބަރު މަހަށް ނިންމުމަށް އަމާޒު ހިފާފައި މިހުރީ." އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ އެއަރޕޯޓް މަޝްރޫޢުތަކުގައި އެއަރޕޯޓްތައް ތަރައްޤީކުރަނީ ރަށްރަށުން ބިން ހިއްކައިގެންނެވެ.

އަލިފުށީ އެއަރޕޯޓް

އަލިފުށީ އެއަރޕޯޓް ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ. މި މަސައްކަތް ހަވާލުކުރީ ބިންހިއްކުމާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާއެކުއެވެ.

ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓްމަހުއެވެ. މިޕްރޮޖެކްޓްގައި އެރަށުން 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމެމުންދާވަރަކަށް، އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ދަނީ ފަށަމުންނެވެ. އަލިފުށިން ހިއްކާ 50 ހެކްޓަރު ބިމުގެ %80 ބޭނުންކުރާނީ އެއަރޕޯޓް ސަރަޙައްދަށެވެ. އަނެއް 10 ހެކްޓަރު ބޭނުންކުރާނީ ބޯހިޔާވަހިކަމާއި، ރަށުގައި އިޤްތިޞާދީ މަސައްކަތްތަކަށް ބިން ދޫކުރުމަށެވެ.

އަލިފުށީ އެއަރޕޯޓް މަސައްކަތުގައި އެންމެ ފުރަތަމަ ފަށާފައި ވަނީ އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކެވެ. އަދި މިހާރު ވަނީ ޓަރމިނަލްގެ މަސައްކަތް ކުރުމަށް ބިންގާވެސް އަޅާފައެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްތަކުގައި ދެން ހިމެނެނީ ރަންވޭއެއް އެޅުމާއި ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމުގެ މަސައްކަތެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. އެއަރޕޯޓްގައި ހަދާނީ 1200 މީޓަރުގެ ރަންވޭއެކެވެ.

ބިން ހިއްކާ އެއަރޕޯޓްގެ މަސައްކަތް ކުރަމުންދާއިރު މިހާރު ޓަރމިނަލް އެޅުމަށްޓަކައި 17 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. އަދި ދެން ހިއްކަން ފަށާނީ ފްލައިޓް ޖެއްސުމަށްޓަކައި ރަންވޭ އެޅުމަށް ބޭނުންވާ ސަރަޙައްދު ކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

މުލީ އެއަރޕޯޓް

މުލީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ އިރުދެކުނު ފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމުގައެވެ. މިއީ 2018 ވަނަ އަހަރު ހިއްކި ސަރަޙައްދެކެވެ. އެހެންނަމަވެސް އެއަރޕޯޓް ތަރައްޤީކުރުމަށް އިތުރަށް ބިން ބޭނުންވާތީ، އިތުރު 14 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން މުލީ އެއަރޕޯޓުގައި 1200 ދިގު، 30 ފޫޓު ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއި، ޓެކްސީވޭއާއި އޭޕްރެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއރަޕޯޓް މަސައްކަތުގެ ދަށުން އެތަނުގައި އަޅަންޖެހޭ އިމާރާތްތައް އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.

މަގޫދޫ އެއަރޕޯޓް

ސަރުކާރުގެ ވަޢުދަކީ ރާއްޖޭގެ ކޮންމެ ރަށަކުން ލޯންޗުގައި 30 މިނެޓުގެ ދަތުރަކުން ދެވޭހާ ކައިރީގައި އެއަރޕޯޓެއް އޮތުމެވެ. މި ސިޔާސަތުގެ ދަށުން، ފ. މަގޫދޫގެ ބިން ހިއްކާ އެއަރޕޯޓެއް ތަރައްޤީކުރަން އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް އޭގެ މަސައްކަތްތައް މިދިޔަ އަހަރުގެ އޮގަސްޓްމަހު ވަނީ ފަށާފައެވެ. މިޕްރޮޖެކްޓުގައި މަގޫދޫ ފަޅުން 48 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާނެއެވެ.

ހިއްކާ ބިމުން އެއަރޕޯޓްގެ މަސައްކަތަށް 30.8 ހެކްޓަރުގެ ބިން ޚާއްސަ ކުރާނެއެވެ. މިއެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެންނެވެ. މަގޫދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި ޓެކްސީވޭ އޭޕްރަން، ފަޔަރޕެޑް، ޕަސެންޖަރ ޓަރމިނަލް، ކޮންޓްރޯލް ޓަވަރާއެކު ފަޔަރ ސްޓޭޝަން ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ.

ހިއްކާ 48 ހެކްޓަރުގެތެރެއިން 17 ހެކްޓަރުގެ ބިން ޚާއްސަކުރާނީ ރަށުގެ އިޖުތިމާޢީ އަދި އިޤްތިިޞާދީ ކަންކަމަށެވެ. ބިން ހިއްކާ ނިންމާ 3300 މީޓަރުގެ ސަރަޙައްދު ޙިމާޔަތްކުރާނެއެވެ.

ދައުލަތުގެ ބަޖެޓުން 206 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މިމަޝްރޫޢާއެކު މަގޫދޫއަށް އެއަރޕޯޓެއްގެ އިތުރަށް ޒަމާނުއްސުރެ ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ހައްލެއް އަންނާއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް

ގދ. ފަރެސްމާތޮޑާ ފަޅުހިއްކައިގެން ތަރައްޤީކުރާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މިއެއަރޕޯޓް ތަރައްޤީކުރަނީ ފަރެސްމާތޮޑާ ފަޅުތެރޭގައި އޮތް ކުދި ފަޅު ރަށްތަކެއް ގުޅާލާ، 19.9 ހެކްޓަރުގެ ބިމެއް ހިއްކައިގެންނެވެ. މި އެއަރޕޯޓުގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ. ހިތްގައިމު ޑިޒައިނަކަށް ތަރައްޤީކޮށްފައިވާ މިއެއަރޕޯޓްގެ މަސައްކަތުގެ ބޮޑު ބައި ނިންމުމަށްފަހު ރޭގަނޑު ފްލައިޓް ޖެއްސުމަށްޓަކައި ޓެސްޓްވެސް ކޮށްފައިވެއެވެ.

މިއެއަރޕޯޓްގެ ރަންވޭގައިވެސް 1200 މީޓަރު ހުންނާނެއެވެ. އަދި އެހެން އެއަރޕޯޓްތަކުގައި ހުންނަ ވަޞީލަތްތައް މިތަނުގައިވެސް ހުންނާނެއެވެ.

144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މިމަޝްރޫޢުގެ ދަށުން އެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅާލާ ކޯޒްވޭގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ. މިއާއެކު އެއަރޕޯޓް ކޯޒްވޭއާއި، ކޯޒްވޭއާއި ގުޅޭ މަގުތައްވެސް ހަދާނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު އެއަރޕޯޓްތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު އިތުރު 3 އެއަރޕޯޓެއް އެޅުމަށް ބިންހިއްކުމަށް ތައްޔާރުވަމުން އަންނަކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރަށް މިހާރު އޮތް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ކައްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

އެއަރޕޯޓްތައް ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތަފްޞީލީ މަޢުލޫމާތާއި ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ކުރައްވަމުން އަންނަ މަސައްކަތުގެ ތަފްޞީލީ މަޢުލޫމާތު މިރޭގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ގެނެސްދޭނެއެވެ.