ހއ.އިހަވަންދޫގައި ތަރައްޤީކުރާ އައު ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިމަސައްކަތް ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ތިންހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހއ.އިހަވަންދޫގައި ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. ބޮޑު އާބާދީއެއް އޮތްނަމަވެސް އެރަށުގައި މިވަގުތު ސިއްޙީ ޚިދުމަތް ލިބެން ހުރީ ސިއްޙީ މަރުކަޒުންނެވެ. އެހެންކަމުން އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާ މިނިސްޓްރީ އޮފް ހެލްތުންވަނީ އެހޮސްޕިޓަލުގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
Contract signing ceremony of, Construction of HA. Ihavandhoo Hospital Building, Under Contractor Finance (30 Beds)
— Ministry of Health (@MoHmv) January 16, 2023
Construction of 30 Bed Hospital, Accommodation Building, Services Building
Contractor:
Duplex Pvt Ltd
Project Duration:
18 Months pic.twitter.com/GdIwVgcvMg
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫޢުގެ ފައިނޭންސަރ އަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. މިއީ ދައުލަތުގެ ބަޖެޓުން 123 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. 30 އެނދުގެ މިހޮސްޕިޓަލުގައި އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
އިހަވަންދޫގައި މިވަގުތު ސިއްޙީ ފަރުވާ ދެމުން އަންނަނީ އެރަށުގައި ހުންނަ އާމިނާ ދިޔޯ ސިއްޙީ މަރުކަޒުންނެވެ. އެމަރުކަޒުގައި ފުރަތަމަ ފަހަރަށް ސްޕެޝަލިސްޓް ޑޮކްޓަރެއްގެ ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ 2022 ވަނަ އަހަރުގައެވެ. ސިއްޙީ ކުއްލި ޙާލަތެއް ނުވަތަ ޢާއްމުކޮށް ލިބެން ނެތް ސިއްޙީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެރަށުގެ ރައްޔިތުން ދާންޖެހެނީ ދިއްދޫއަށް ނުވަތަ ހދ.ކުޅުދުއްފުއްޓަށެވެ. މިއީ މިސަރަޙައްދުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމުގެ ކުރިން އެރަށުގެ ރައްޔިތުން އުފުލަމުންދިޔަ މާލީ ގޮތުންވެސް ބޮޑު ބުރައެކެވެ. އެރަށުގައި ތަރައްޤީކުރާ އައު ހޮސްޕިޓަލުގެ މަސައްކަތް ނިމިގެންދިޔުމުން އެރަށުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.