ވިޔަފާރި

މަސްވެރިކަން ރަނގަޅުވެ ދުވާލަކު 300 ޓަނުގެ މަސް ކިރާ: މިފްކޯ


ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު ރަނގަޅުކަމަށް މިފްކޯއިން ހާމަކޮށްފިއެވެ. މިއާއެކު މިފްކޯއަށް ކިރުވާ މަހުގެ ޢަދަދު ވަނީ އިތުރުވެފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް މިފްކޯއަށް 300 ޓަނުގެ މަސް ކިރަމުން އަންނަކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މި ދުވަސްވަރު މަސްވެރިކަން ރަނގަޅުކަމަށް އިސްމާއިލް ވިދާޅުވިއެވެ. އޭގެތެރެއިންވެސް މ. އަތޮޅާއި، ހުވަދޫ އަދި ދެކުނުގެ މަސްވެރިކަން ރަނގަޅުކަން އޭނާ ފާހަގަކުރެއްވިއެވެ.

"މަސްވެރިކަން މީމު އަތޮޅާއި ހުވަދޫއާއި އަދި ދެކުނުގެ މަސްވެރިކަންވެސް ރަނގަޅު. އުތުރަށްވެސް އެވްރެޖްކޮށް ރަނގަޅު" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ، މަސްވެރިންގެ އަތުން އެއްވެސް ލިމިޓެއްނެތި މިފްކޯއިން މަސް ގަންނަމުން އަންނަކަމަށެވެ. ނަމަވެސް ދުރު ސަރަޙައްދުތަކަށް މަސް ކިރާ ބޯޓުތައް ފޮނުވުމުގައި ދަތިތައް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބޯޓުތައް ހުސްކޮށް އަނބުރާ ދިއުމަށް ވަގުތުކޮޅެއް ނަގާކަމަށާއި ނަމަވެސް އަންލޯޑްކުރުމަށްފަހު ބޯޓުތައް އަވަހަށް ފޮނުވުމުގެ މަސައްކަތް މިފްކޯއިން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މަސް ކިރަން މިފްކޯއިން އިތުރު 3 ބޯޓުވެސް ވަނީ މިދިޔަ މަހު ގަނެފައެވެ. މިފްކޯއިން ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ.

މިދިޔަ އަހަރު މިފްކޯއިން ވަނީ އެންމެ ގިނައިން މަސްކިރާ އެންމެ ގިނަ އަދަދަކަށް މަސްވެރިންނަށް ފައިސާ ދޫކޮށް ތާރީޚުގެ ތެރެއަށް ވަދެފައެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި މިފްކޯއިން ވަނީ މަސްވެރިންގެ އަތުން 63،579 މެޓްރިކް ޓަނުގެ މަސް ގަނެފައެވެ. އަދި މަސްވެރިންނަށް މުޅި ޖުމްލަ 1،039،406،705 (އެއްބިލިއަން ތިރީސް ނުވަ މިލިއަން ހަތަރުލައްކަ ހަހާސް ހަތްސަތޭކަ ފަހެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.