ޚަބަރު

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު މަޖިލީހަށް ހުށަހަޅައިފި


ދައުލަތުގެ މުއައްޒަފުންގެ މުސާރަ ކަނޑައެޅުމާއި، މުސާރައިގެ ކުރިއެރުން ދިނުމާއި، ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ދެވިދާނެ އިނާޔަތްތަކުގެ ސިޔާސަތުތަކާއި މިންގަނޑު ކަނޑައެޅުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޢަލީ ޝާހު، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ނަމުގައި ހުށަހެޅުއްވި ބިލުގައި، މުސާރާގެ ސިޔާސަތު ކަނޑައެޅުމަށް ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޭ ކޮމިޝަނެއް އުފައްދަން ޖެހޭނެކަމަށް ބުނެފައިވެއެވެ. ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި، މުސާރައިގެ ކުރިއެރުން ދިނުމާއި، ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެމީހުންނަށް ދެވިދާނެ ޢިނާޔަތްތަކާއި، ވަޒީފާއިން ނުވަތަ މެމްބަރުކަމުން ވަކިވާއިރު، ޢިނާޔަތް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދޭ ކޮމިޝަނެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ކޮމިޝަނުގެ ރައީސަކަށް ހުންނަވާނީ ދައުލަތުގެ މާލިއްޔަތާއި ބެހޭ ވަޒީރު ކަމަށާއި، ނައިބު ރައީސަކަށް ހުންނަވާނީ ކޮމިޝަނަށް ޢައްޔަން ކުރައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢަައްޔަން ކުރައްވާ ބޭފުޅެއްކަމަށް ބިލުގައިވެއެވެ. މި ބިލް ހުށަހެޅުއްވުމުގެ ބޭނުމަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާ އިނާޔަތްތައް ކަނޑައެޅުމުގައި އަޅާކިޔާނެ ނުވަތަ ބުރަވާނެ ނުވަތަ ޕްރޮފެޝަނަލް މިންގަނޑުތަކެއް ދުރާލާ ކަނޑައެޅިފައި ހުންނާނެ ގޮތް ހެދުންކަމަށް ބިލް ހުށައެޅުއްވި މަޤްޞަދުގައި ބަޔާންކޮށްފައިވެއެވެ.