ވިޔަފާރި

ޑިޕާޗަރ ޓެކްސްއާއެކު ދައުލަތުގެ އާމްދަނީ %166 އިތުރު


2022 ވަނަ އަހަރު ޑިޕާޗަރ ޓެކްސްގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ %166 އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޑިޕާޗާ ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތަސްދީގު ކުރެއްވީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މި ބިލް ތަސްދީގުކުރެއްވުމުން އެއަރޕޯޓް ސަރވިސް ޗާޖު އުވި ޑިޕާޗަރ ޓެކްސް ވަނީ ނަގަންފަށާފައެވެ.

އެއަރޕޯޓް ސަރވިސް ޗާޖު އުވާލާ ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ކުރިން އޮތްގޮތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީން ފަސިންޖަރެއްގެ އަތުން 25 ޑޮލަރެވެ. ނަމަވެސް ޑިޕާޗަރ ޓެކްސް ނަގަން ފެށުމާއެކު ޓެކްސް ނަގަނީ އެމީހަކު ދަތުރުކުރާ ކްލާހަކަށް ބެލުމަށް ފަހުގައެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ޑިޕާޗަރ ޓެކްސްގެ ގޮތުގައި 787،564،033 (ހަތް ސަތޭކަ އަށްޑިހަ ހަތް މިލިއަން ފަސް ލައްކަ ފަސްދޮޅަސް ހަތަރު ހާސް ތިރީސް ތިނެއް) ރުފިޔާ ވަނީ ލިބިފައެވެ. 2021 ވަނަ އަހަރު ލިބިފައިވާ އަދަދަކީ 473،428،444 (ހަތަރު ސަތޭކަ ހަތްދިހަ ތިން މިލިއަން ހަތަރު ލައްކަ އަށާވީސް ހާސް ހަތަރު ސަތޭކަ ސާޅީސް ހަތަރެއް) ރުފިޔާ ވަނީ ލިބިފައެވެ. އެހެންކަމުން މިއީ %166 ގެ އިތުރުވުމެކެވެ.

2022 ވަނަ އަހަރު ޑިޕާޗަރ ޓެކްސްގެ ގޮތުގައި 51 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ބަލައިގަނެފައެވެ. އަދި 2021 ވަނަ އަހަރު ޑޮލަރުން ލިބުނު އާމްދަނީ އުޅެނީ 30 މިލިއަން ޑޮލަރުގައެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖު އުވި ޑިޕާޗަރ ޓެކްސް ނަގަން ފެށުމުން ޓެކްސް ނަގަނީ އެމީހަކު ދަތުރުކުރާ ކްލާހަކަށް ބެލުމަށްފަހުގައެވެ. އެގޮތުން އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގާނީ 60 ޑޮލަރެވެ.

މީގެ އިތުރުން ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނަގާއިރު ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނަގާނެއެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ އަތުން މި ޓެކްސް ނުނަގައެވެ.