ޚަބަރު

ދަރިވަރުންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް "ސްމައިލް އޮން" ސްކޫލުތަކުގައި


މާލޭގެ ސްކޫލްތަކުގައި "ސްމައިލް އޮން" ކެމްޕެއިން މިއަދު ފަށައިފިއެވެ.

ސްމައިލް އޮން ކެމްޕެއިންއަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ތަނަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެއިނެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ކެމްޕެއިންގައި މިފަދަ މާޙައުލެއް ޤާއިމުކުރުމަށްޓަކައި، ކޮންމެ ދުވަހެއްގެ ތާވަލުގެތެރެއަށް ލެވިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި "ސްމައިލް އޮން" ކެމްޕޭނުގެ ސަބަބުން ސްކޫލްތަކުގައި ރައްކާތެރި ނުވަތަ ޕޮޒިޓިވް މާހައުލެއް ޤާއިމުކުރެވިގެން ދާނެއެވެ.

މި ކެމްޕޭނާ ގުޅިގެން އެކަކު އަނެކަކަށް އިޙްތިރާމް ކުރާ ދަރިވަރުން ތަކެއް ބިނާވެ ކަންކަމުގައި ޕޮޒިޓިވް ވިސްނުން ގެންގުޅޭ ސްކޫލު މުޖުތަމައެއް ޤާއިމުވެގެންދާނެ ކަމަށްވެސް މިނިސްޓްރީ އިން ވިދާޅުވެއެވެ.

މި ކެމްޕޭން މިއަދު ފެށިގެން ދިޔައީ މާލޭގެ ސްކޫލްތަކުގައެވެ. އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް "ސްމައިލް އޮން" ކެމްޕޭންގެ ހަރަކާތްތައް ކުރިއަށްގެންދާނެއެވެ.