ޚަބަރު

ބްރިޖް އެޅުމުގެ މަސައްކަތަށް ގާދޫކޮލު ބަންދުކޮށްފި


މާލޭގެ ބަނދަރަށް އާގު ބޯޓުފަހަރު ވަންނަ ކަނޑުއޮޅި މިއަދުން ފެށިގެން ބަންދުކޮށްފިއެވެ. މި ކަނޑުއޮޅި ނުވަތަ ގާދޫ ކޮލު ޓްރާންސްޕޯޓް މިނިސްޓްރީން ބަންދުކުރީ، މާލެއާއި ހުޅުލެއާއި ދެމެދުގައި އަޅުއްވާ ބްރިޖުގެ ޢަމަލީ މަސައްކަތްތައް ފެށިފައިވާތީއެވެ. މިއަދުން ފެށިގެން މި ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާކަމެއްގެ ގޮތުގައި ޓްރާންޕޯޓް އޮތޯރިޓީން ނިންމަވާފައިވާއިރު، މިއަދުން ފެށިގެން މި ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތައް ޖޫރިމަނާކުރުމަށްވެސް އެ އޮތޯރިޓީން ވަނީ ނިންމަވާފައެވެ.މާލެއާއި ތިލަފުށީ ބަނދަރުން ފުރައިގެން ހުޅަނގަށް ދަތުރުކުރާ އުޅަނދު ފަހަރުން ދުވާލުގެ އަލިކަމުގައި ގިރާވަރު އުތުރު ކަނޑާއި ތިލަފުށީ އިރުމަތީ ކަނޑުއޮޅި އަދި ތިލަފުށީ ހުޅަނގު ކަނޑުއޮޅި ބޭނުން ކުރެވިދާނެކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތުދެއްވައެވެ.ގާދޫކޮލުގެ ކަނޑުގެ ޓްރެފިކް ބަންދުވުމާއި ގުޅިގެން މާލޭގެ ބަނދަރަށް އަންނަ އާގު ބޯޓްފަހަރު ވަނުމަށާއި ނުކުތުމަށް ބޭނުންކުރާ މައި ކަނޑުއޮޅިއަކަށް މިހާރު ހަމަޖައްސަވާފައިވަނީ ބޮޑުކަޅި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ. މީގެ އިތުރުން މާލެއާއި ވިލިނގިއްޔާއި ދެމެދުގައިވާ ކަނޑުއޮޅި، ނުވަތަ މާތިލައިން ދިގުމިނުގައި 40 މީޓަރަށް ވުރެ މަތީ އުޅަނދު ވަދެނިކުތުމަކީ މަނާކަމެއް ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގަވާފައެވެ.ބްރިޖްގެ އަމަލީ މަސައްކަތް ފެށިފައިވާއިރު، މަސައްކަތަށް ބޭނުންވާ ބޮޑެތި އިކްއިޕްމަންޓްސް މިހާރު ވަނީ ރާއްޖެއައުމުގެ މަގުމަތީގައެވެ. ހައުސިންގް މިނިސްޓަރ ޑޮކްޓަރ މުއިއްޒު ވިދާޅުވީ، ބްރިޖްގެ މަސައްކަތް ކުރާ ޗައިނާގެ ސީ.ސީ.ސީ.ސީ ކުންފުނިން ގެންނަ ތަކެތި މިމަހުގެ ފަހުކޮޅު މާލެ އަންނާނެކަމަށެވެ. އަދި އެ ތަކެތި ގެންނަ ބާޖް މިހާރު ޗައިނާއިން ފުރާފައިވާ ކަމަށް ހައުސިންގް މިނިސްޓަރ ވިދާޅުވިއެވެ.ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އުސްފަސްގަނޑާއި، ހެންވޭރު ޕާކުގެ ދެކުނުކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާއި ހަމަޔަށްވާ ސަރަޙައްދު ވަނީ ވަގުތީ ސައިޓްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދޫކޮށްފައެވެ. އަދި އެ ސަރަޙައްދުވަނީ އާއްމުންނަށް ނުވަދެވޭގޮތަށް ބަންދުވެސްކޮށްފައެވެ.