ޚަބަރު

ގިނަވަމުންދާ ބުޅާތަކާއެކު އާންމު ސިއްޙަތު ބޮޑު ނުރައްކަލަކަށް!


ތޮއްޖެހިފައިވާ ހަލަބޮލި މާލޭގައި އާއްމުންގެ މިހާރު އޮތް އެންމެ ބޮޑު ޝަކުވާއަކީ، މަގުތަކުގައި ބުޅާ ގިނަވުމުގެ ޝަކުވާއެވެ. ކުރިންވެސް މާލޭގެ މަގުތަކުން ބުޅާ ފެނެއެވެ. އެހެން ނަމަވެސް މިހާރުވަނީ އާދަޔާ ޚިލާފަށް ބުޅާގިނަވެފައެވެ. މިއާއެކު މަގުމަތީގެ ސާފުތާހިރުކަންވެސްވަނީ ކުޑަވެފައެވެ. ބުޅާނަޖިހަކީ އޭގެ ސަބަބުން މުޖުތަމަޢު ސިއްޙީގޮތުން ނުރައްކަލަކަށް ހުށައެޅުމުގެ ފުރުސަތުވެސް ބޮޑު އެއްޗެކެވެ.

ވަރަށް ގިނަ މީހުން އަމިއްލަ ގޭގައިވެސް ބުޅާ އޮޅުކޮށްގެން ގެންގުޅެއެވެ. ވެރިރަށް މާލޭގައި ވެސް ބުޅާ އޮޅުކޮށްގެން ގެންގުޅުން މި ފަހުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މިހެން ގެންގުޅެފަ ބުޅާ މަގުތަކަށް ދޫކޮށްލާ މީހުންވެސް މަދެއް ނޫނެވެ. މިގޮތައް ބުޅާތައް މާލެތެރެއަށް ދޫކޮށްލުމުގެ ސަބަބުން މާލެތެރޭގައި ބުޅާ ގިނަވެ އާންމުންގެ ޝަކުވާ މިހާރުވަނީ ވަރަށް ބޮޑުވެފައެވެ. އާންމުންގެ ބޮޑު ޝަކުވާއަކަށްވެފައިވަނީ ބުޅާ ގިނަވެ މަގުތަކާއި ޢާއްމުން އެއްވާ ތަންތަނުގައި ބުޅާ ނަޖިސް ހުރުމެވެ.

މާލެ ތެރޭގައި ބުޅަ ގިނަވެ އޭގެ ނަޖިސް ހުރުމުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއްބަޔަކު ބުޅަލުގެ ނަޖިހުން ސިއްޙީ ބަލިމަޑުކަމެއް ފެށުމުގެ ކުރިން މިކަމަށް ޙައްލެއް ގެނައުމަށް އެދިފައިވާއިރު އަނެއް ބަޔަކުވަނީ މިކަމަށް ދާއިމީ ޙައްލެއް ގެނެސްދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައެވެ.

"ބުޅަލުގެ ނަޖިހުން ބަލި ޖެހި ލޮލުގެ ފެނުމުން މަހުރޫމްވެފައި ތިބި ދިވެހިން ވަރަށް ގިނަ ހުޅުމާލޭގައި ބުޅާ ގިނަވެ އޭގެ ނަޖިހުން ބައެއް މަގުތައް ވަނީ ކުނިވެފައި. މިކަން އިޖްތިމާއީ މައްސަލައަކަށް ވެއްޖެ." ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވެއެވެ.

"ނަޖިސް މިމަގުގައި ވަރަށް ގިނަ މިކަމަށް ނެއްތޯ އެޅޭނެ ފިޔަވަޅެއް. ނުރައްކާތެރި ބަލިމަޑުކަމެއް މިހިސާބުގެ މީހުންނަށް ޖެހުމުގެ ކުރިން އާދޭހާއެކު ދަންނަވަން" އިތުރު މީހަކު ލިޔެފައިވެއެވެ.

މަގުމަތީގައިއުޅޭ ބުޅަލުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ އޭގެ ނަޖިހުގެ މައްސަލައެވެ. ބުޅަލުގެ ނަޖިސް މާލޭގެ އެކި މަގުތަކުގައި ހުރެއެވެ. މިކަމުގެ ސަބަބުން އާއްމު ސިއްހަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ޑޮކްޓަަރުންގެވެސް އެބައޮތެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ. އަޙުމަދު ފައިސަލް ވިދާޅުވީ ބުޅާ ނަޖިސް މަގުމަތީ ހުރުމުގެ ސަބަބުން މީހާގެ ދިރިއުޅުން ނުރައްކަލެއްގެ ތެރެއަށް ހުށައެޅިގެން ގޮސްދާނެ ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޓޮކްސޯޕްލަސްމޯސިސް

ޑރ.ފައިސަލް ވިދާޅުވީ ބުޅަލުގެ ސަބަބުން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ ފާހަގަ ކުރެވެނީ ޓޮކްސޯޕްލަސްމޯސިސް ނަމަކަށް ކިޔާ ބައްޔެއް ކަމަށެވެ. މި ބައްޔަކީ ކުޑަކުދިއްނާއި ބޮޑެތި މީހުންނަށްވެސް ޖެހޭ ބައްޔެކެވެ. މިބަލީގެ ސަބަބުން މާބަނޑު މީހުންގެ ބަނޑުގައިވާ ދަރިފުޅު އައިބުވުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. އަދި ބައެއް ޙާލަތްތަކުގައި ބައެއް މީހުންނަށް މި ބަލިޖެހި ލޮލުގެ ފެނުމުން މަޙުރޫމްވެފައިވާކަން ޑޮކްޓަރުވަނީ ފާހަގަކުރައްވާފައެވެ. މި ބަލި ކުޑަކުދިންނަށް ޖެހިއްޖެ ނަމަ ލޯ އަނދިރިވުމުގެ ފުރުސަތު ބޮޑުކަންވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

ސަލްމަނެލޯސިސް

ފައިސަލް އިތުރަށް ވިދާޅުވީ ދެން އެންމެ ފާހަގަ ކުރެވެނީ ސަލްމަނެލޯސިސް ކިޔާ ބައްޔެއް ކަމަށެވެ. މިއީ ބުޅަލުގެ ނަޖިހުގައި އަތްލެވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ބުޅާ ނަޖިސް ހުއްޓާ ބިންމަތީގައި އަތްލުމަށްފަހު ރަނގަޅަށް އަތް ނުދޮވެ ކެއިންބުއިމާއި އަނގަޔަށް އަތްލުންފަދަ ކަމެއް ކުރެވިއްޖެނަމަ މި ބަލި ޖެހުން އެކަށީގެން ވެއެވެ. މިބަލި ޖެހެނީ އިންސާނާގެ ހަންގަނޑަށް ކަމަށާއި މިބަލީގެ ސަބަބުން ފުރަމޭ ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ޑރ.ފައިސަލް ވިދާޅުވިއެވެ.

މިގޮތައް މަގުތަކުގައި ބުޅަލާއި އޭގެ ނަޖިސް ހުރުމުގެ ގެއްލުމާ ރައްޔިތުންނަށް ކުރިމަތިލާންޖެހި އަދި މިކަމަކީ އޭގަ ޑޮކްޓަރުންގެވެސް އޮތް ބޮޑު ކަންބޮޑުވުމަކަށްވާއިރު މިމައްސަލަ އެދެވޭ ހައްލެއް ހޯދާދިނުމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ކަމާބެހޭ ފަރާތްތަކުން ދޭންޖެހެއެވެ.

ބުޅަލުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދާދިނުމަށްޓަކައި ބުޅަލަށް ޚައްސަ ފެސިލިޓީއެއް ނުވަތަ ބުޅާތައް ބަލަހައްޓާނެ ތަނެއް ހެދުމުގެ މަސައްކަތް ކުރަން މި އަހަރުގެ ޖަނަވަރީ މަހުވެސް މާލެ ސިޓީ ކައުންސިލުން ނިންމިއެވެ. އެހެންނަމަވެސް މިހާތަނަށް އެކަންވަނީ ނުވެފައެވެ.

ބުޅާ ފެސިލިޓީގެ މަސައްކަތް ކުރުމަށް އައު ތާރީޚެއް

ބުޅާ ގެން ގުޅުމަށް ޚާއްސަ ފެސިލިޓީ ހެދުމުގެ މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ހޯދާލުމަށް މާލެ ސިޓީގެ ކައުންސިލްގެ މޭޔާރ ޑރ.މުޙައްމަދު މުއިއްޒަށް ގުޅާލުމުން ވިދާޅުވީ ބުޅާ ގެންގުޅުމަށް ފެސިލިޓީއެއް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން ދާކަމަށެވެ. ތިން ފަހަރު މަތިން އިއުލާން ކޮށްގެން މިހާރު ފެސިލިޓީ އަޅައިދޭނެ ފަރާތެއް ލިބި އެފަރާތާއެކު އެގްރިމެންޓް ހަދާފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ އެޕްރީލްމަހު ފެސިލިޓީގެ މަސައްކަތް ފެށޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

" އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތް ކޮށްދޭނެ ފަރާތެއް ނުލިބުން. ތިން ފަހަރު މަތިން އިއުލާންކޮށްގެން މިހާރު މިވަނީ ބަޔަކު ލިބިފައި. މިބަލަނީ އޭޕްރީލް މަހު މަސައްކަތް ފެށޭނެ ކަމަށް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ވިލިމާލޭގައި ހަދަން ނިންމި ބުޅާ ފެސިލިޓީ ނުހެދި ލަސްވީ އެކަމަށް ބޭނުންވާ ބިން ނުލިބުމުން ކަމަށެވެ. އަދި މިހާރު ބުޅާ ފެސިލިޓީ މާލޭގައި ހަދަން ނިންމާފައިވާ ކަމަށާއި، އަދި ވަކި ސަރަހައްދެއް ކަނޑަނާޅާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ ފެސިލިޓީ ހަދާނީ މާލޭގައި މީހުންނަށް އުނދަގޫ ނުވާ ހިސާބެށްގައި ކަމަށެވެ.

ރައްޔިތުންގެ އާއްމު ސިއްހަތާއި ގުޅިފައި ހުންނަ މިފަދަ ބޮޑެތި މައްސަލަތަކަކީ ބަލާނުލާ ދޫކޮށްލެވޭނެ ކަންކަމެއް ނޫނެއެވެ. މި ފަދަ މައްސަލަތަކަކީ އަވަހަށް ހައްލު ހޯދައިދޭން ޖެހޭ މައްސަލަތަކެވެ. ނޫނީ މި މައްސަލަތަކާ ގުޅިގެން އާއްމުންނަށް ކުރިމަތިވާނެ ސިއްހީ މައްސަލަތައް މާބޮޑުވާނެއެވެ.