ޚަބަރު

ހިޔާތަކުގައި ތިބޭ ކުދިން ބެލުމުގެ އުޞޫލުތައް ހަރުދަނާ ކުރައްވަނީ


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލުމުގައި ޢަމަލުކުރަންޖެހޭ ގޮތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މިހާރު ތިބެނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލޭ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައެވެ. ތަފާތު އެކި އިޖްތިމާޢީ މައްސަލަތަކާއި، އަދި ބަލާނޭ އެއްވެސް ފަރާތެއް ނެތުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެދަށުގައިވާ ކުދިން، ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ.ޖެންޑަރ މިނިސްޓްރީ ހިންގެވުމާއި ހަވާލުވެހުންނެވި ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވީ ވޭތުވެދިޔަ ދޮޅު އަހަރުތެރޭގައި ކުޑަކުދިންގެ ހިޔާ ހިންގުމަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން އެތަނުގައި ތިބޭ ކުދިންގެ ހާލަތު ދެނެގަތުމަށް އެސެސްމެންޓްތަކެއް ހަދާ އޭގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސްޓްރެޓެޖިކް ޕްލޭންތަކުގައިވާ އެއަމާޒުތަކަށް ބިނާކޮށް ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އަދި ކުޑަކުދިންގެ ހާލަތު ބެލުމުގައި ބޭނުންކުރާ ޕްރޮސީޖަރ މެނުއަލްތައް މުރާޖަޢާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ހިޔާގައި ތިބޭ ކުދިންގެ ހެލްތް ސްކްރީންކޮށް، ނަފްސާނީ ދުޅަހެޔޮކަން ބެލުމަށްޓަކައި ވަކިން އެސެސްމަންޓްތަކެއް ވަނީ ހަދާފައެވެ. އަދި ހުނަރާއި މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، ސައިކޯސޯޝަލް ސަޕޯޓް ޕްރޮގްރާމްތަކާއި، ކުޅިވަރުގެ ޕްރޮގްރާމްތަކެއްވެސް ހިންގާފައިވާކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.މީގެ އިތުރަށް ވިލިމާލޭ ކުޑަކުދިންގެ ހިޔާގެ ޢިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް ވަސީލަތްތައް ތަރައްޤީކޮށް ޚިދުމަތްތައް ހަރުދަނާ ކުރެވިފައިވާކަމަށްވެސް ބަންޑާރަ ނާއިބު ވިދާޅުވިއެވެ. ވިލިމާލެ ކުޑަކުދިންގެ ހިޔާގެ އިތުރަށް ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބެލުމަށް ހުޅުމާލޭގައި "ފިޔަވަތި" ޢިމާރާތްކޮށް މިދިޔަ ބުދަ ދުވަހު ވަނީ ހުޅުވާފައެވެ. މިތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ 9 އަހަރުން ދަށުގެ ހުރިހާ ކުދިން ބަދަލުކުރެވިގެންދާނެއެވެ. މިއާއެކު ވިލިމާލޭ ކުޑަކުދިންގެ ހިޔާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.