ޚަބަރު

އަމިއްލަ ފަރާތްތަކުން ހިއްކާ ތަންތަނަށް ނަން ކިޔުމުގެ ހުއްދަ ލިބިދޭ އުސޫލެއް


ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ހިއްކާ ތަންތަނަށް ނަން ކިޔުމުގެ ފުރުސަތު އެމަސައްކަތްކުރާ ފަރާތަކަށް ލިބިދެވޭ ގޮތަށް ‏ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އުސޫލު ޢާއްމުކޮށްފިއެވެ.

މިއުސޫލުގެ ދަށުން ރާއްޖޭގެ ސަރަޙައްދަކަށް ނަން ކިޔުމަށް ނުވަތަ ނަން ބަދަލުކުރުމަށް ސަރުކާރުގެ އިދާރާއަކަށް ހުށައަޅާފައިވާނަމަ އެހުށައެޅުމެއް މިހާރު މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް ބަދަލުކުރުމަށްވަނީ އަންގާފައެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން އާއްމުކޮށްފައިވާ ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އުސޫލުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ނަންދިނުމުގައި ބަލާނެ މިންގަނޑުތަކާއި ނަން ފާސްކުރުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރުމެވެ. މިއުސޫލަކީ ރާއްޖޭގެ ޖިއޮގްރެފިކް ސަރަޙައްދުތަކަށް ވަކި ނަމެއް ދިނުމާއި އަލަށް އުފައްދާ ތަންތަނަށް ނަންދިނުމާއި ވަކި ނަމެއް މިހަރު ދީފައި ނުވާތަންތަނަށް ނަންދިނުމާއި އާއްމުކޮށް ބޭނުންކުރާ ނަމެއް ރަސްމީކޮށް ކިޔުމަށާއި ނުވަތަ ބޭނުންކުރަމުންދާ ނަމެއް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.


މިއުސޫލުގެ ދަށުން ތަނަކަށް ނަމެއް ދިނުމަށް ނުވަތަ ނަމެއް ބަދަލުކުރުމަށް ހުށައަޅަންޖެހެނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށެވެ. އަދި މިއުސޫލުގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު ހުށައަޅާ ނަންތައް ދިރާސާކުރުމަށްފަހު އެނަމެއް ހުށައަޅާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ނަމާއި މެދު ގޮތެއް ނިންމުމަށް އުސޫލުގައިވަނީ އޮތޯރިޓީއަށް ލާޒިމްކޮށްފައެވެ. އަދި އުސޫލުގައިވާ ގޮތާއި ޚިލާފަށް ނުވަތަ އެހެން ވިޔަފާރިއަކަށް ނުވަތަ ތަނަކަށް ކިޔާނަމެއް ތަކުރާރުކޮށްފައިވާ ފަދަ ޙާލަތެއްގައި އެނަމެއް ބަދަލުކުރުމުގެ ނުވަތަ ބާޠިލްކުރުމުގެ އިޚްތިޔާރު މިއުސޫލުގެ ދަށުން އެއޮތޯރިޓީއަށް ލިބިދެއެވެ.

މިއުސޫލުގެ ދަށުން ނަން ދިނުމަށް ހުށައަޅަންޖެހެނީ އެކަމަށް ޚާއްސަ ފޯމެއް މެދުވެރިކޮށް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށެވެ. މިއުސޫލުގައި ބަޔާންކުރާގޮތުން މިފަދައިން ހުށައެޅުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި އެސަރަޙައްދެއް ނުވަތަ އެހުށައަޅާ ފަރާތެއް ނިސްބަތްވާ މަސްއޫލުވެރި ދައުލަތުގެ އިދާރާ ނުވަތަ މިނިސްޓްރީ މެދުވެރިކޮށެވެ. މީގެއިތުރުން އަމިއްލަ ފަރާތްތަކުން ހިއްކާފައިވާ ސަރަޙައްދެއްނަމަ އެތަނަކަށް ނަން ދިނުމުގެ ހުއްދަ އެތަނެއް ހިއްކި ފަރާތަކަށް މިއުސޫލުން ލިބިދެއެވެ.

ޖިއޮގްރަފިކް ސަރަޙައްދަކަށް ނަން ދިނުމުގައި ދިވެހިވަންތަ އަދި އެސަރަޙައްދެއްގެ ތާރީޚާއި ގުޅުވާ އަދި ގުދުރަތީގޮތުން ލިބިފައިވާ ޚާއްސަ ސިފަތަކަށް ރިޢާޔަތްކޮށް ނަންދިނުމަށް މިއުސޫލުގައި ބާރުއަޅައެވެ. މިއުސޫލު މިހާރު ގެޒެޓުގައި ޝާޢިއުކުރުމާއެކުވަނީ އުސޫލަށް ޢަމަލުކުރަން ފަށާފައެވެ.