އާސަންދަ މުރާޖާކުރެވިގެން އަންނައިރު އާންމުންގެ އަތުން ޕްރައިވެޓް ހޮސްޕިޓަލްތަކަށް ކުރާ ހޭދަ ކުޑަކުރެވިގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. އާސަންދަ މުރާޖާކުރުމުގެ އިތުރުން މިއަހަރަކީ ޞިއްޙީ ދާއިރާއަށް އުއްމީދީ އަހަރެއްގެ ގޮތުގައި ސަރުކާރުން ވިދާޅުވެއެވެ.
ޢާއްމުންގެ ބޭސްފަރުވާއަށް އެންމެ ބޮޑަށް ބަރޯސާވާ އެއްކަމަކީ ބޭސްފަރުވާއަށް ދޫކުރާ ޤައުމީ އިންޝުއަރެންސް ސްކީމް ނުވަތަ އާސަންދައެވެ. އެހެންނަމަވެސް އާސަންދައާއި ގުޅިގެން ޢާއްމުންގެ މެދުގައި ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
މިގޮތުން ޚިދުމަތުގެ އަގުތައް އަމިއްލަ ފަރާތްތަކުން ހިންގާ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި، ސަރުކާރުގެ ޚިދުމަތް ދޭ ތަންތަނުގެ އަގުގައި ހުރި ފަރަޤުގެ ވާހަކަތަކަކީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ މައްސަލައެކެވެ. ހަމައެއާއެކު ޕްރައިވެޓް ހޮސްޕިޓަލުތަކުގައި ބޭސްފަރުވާއަށް، އާސަންދައިން ޚަރަދު ކެނޑުމަށްފަހުވެސް އަތުން ނަގަމުންދާ ފައިސާގެ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުންދިޔުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.
މިހުރިހާ ޝަކުވާއެއް އާންމުންގެ ފަރާތުން ކުރިމަތިވެފައިވާއިރު ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ އެއް ދާއިރާއަކީ ބޭސްފަރުވާއަށް އާސަންދައަށް ދޫކުރާ ބަޖެޓެވެ. ގިނަ އަހަރުތަކުގައި ބަޖެޓުގެ ބޭރުން އިތުރު ގޮތްގޮތުން ފައިސާ ހަމަޖައްސައިގެންވެސް ބޭސްފަރުވާއަށް އާންމުން ބޭރަށް ފޮނުވާކަމަށް އާސަންދައިން ވިދާޅުވެއެވެ.
ދެކޮޅު ނުޖެހޭކަމަށް ގިނަ ބަޔަކު ބުނަމުންދާ މި ނިޒާމު މުރާޖާކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިގޮތުން އާސަންދަ މުރާޖާކުރުމުގެ ބޮޑު މަސައްކަތްތަކެއް މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރުމަށްވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވީ، މިއަހަރު އާސަންދަ މުރާޖާކޮށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށެވެ. އަދި މި މަސައްކަތް ނިމިގެންދާއިރު ޕްރައިވެޓް ހޮސްޕިޓަލްތަކަށް ޢާއްމުންކުރާ ހޭދަ ކުޑަކުރެވޭ މަންޒަރު ފެނިގެންދާނެކަމަށް މިޢްވާން ވިދާޅުވިއެވެ.
"މިއަހަރުގެ ބަޖެޓުގައިވެސް ހިމެނިފައިވާނެ އާސަންދައަށް ބޮޑެތި ބަދަލުތަކެއް، އިސްލާޙީ ބަދަލުތަކެއް ގެނެސް އާސަންދަ ހިންގުން އިތުރަށް ހަރުދަނާކުރުމަށް މިކުރެވޭ މަސައްކަތުގެ ތެރެއިން ޞިއްޙީ ފަރުވާއަށް މިކުރެވޭ ހޭދަތައް ކުޑަކުރުމަށް މިކުރެވޭ މަސައްކަތް. އޭގެ ސަބަބުން އާސަންދަ ރީފޯމްވެގެން އަންނައިރު ރައްޔިތުންގެ ޖީބުން ޞިއްޙީ ފަރުވާއަށް އެދާ ޚަރަދު، ޕްރައިވެޓް ސެކްޓަރގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް މިކުރެވޭ ޚަރަދުތައްވެސް ކުޑަވެގެންދާތަން ފެންނާނެ" މިޢްވާން ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ޞިއްޙީ ދާއިރާގެ ތަރައްޤީގެ މަސައްކަތްތައް އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށް ނިންމަވާފައެވެ. މިގޮތުން އާސަންދަ ރީފޯމްކުރުމުގެ އިތުރުން މިއަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަން ސަރުކާރުން ވަނީ މީގެކުރިން ޢިއުލާންކުރައްވާފައެވެ.
މީގެއިތުރުންވެސް އަތޮޅުތެރޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ބޭސްފަރުވާއަށް މާލެއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ ގިނަ މަޝްރޫޢުތަކެއް މިވަގުތުވެސް ހިނގަމުންއެބަދެއެވެ.