ޚަބަރު

ވޯލްޑް ބޭންކުގެ އަންދާޒާތަކަކީ ސަރުކާރުގެ އަންދާޒާތަކަށްވުރެ މަތީ ޢަދަދެއް: އަމީރު


ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން އަންދާޒާކޮށްފައިވާ ޢަދަދުތަކަކީ ސަރުކާރުން އަންދާޒާކުރިވަރަށް މަތީ އަދަދުތަކެއްކަމަށް ފިނޭންސް މިނިސްޓަރ، އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޤައުމުތަކުގެ އިޤްތިޞާދުތައް ދިރާސާކުރުމަށްފަހު ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ރިޕޯޓާއި ހަވާލާދީ ކުރެއްވި ޓްވީޓެއްގައެވެ.

ވޯލްޑް ބޭންކުގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައިވާގޮތުން، މިއަހަރު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ %8.2 އަށެވެ. އަދި ރާއްޖެއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރާނެ ޤައުމުކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެއެވެ.

ވޯލްޑް ބޭންކުގެ އަންދާޒާތަކާއި ހަވާލާދީ މިނިސްޓަރ ވިދާޅުވީ އެބޭންކުން ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް އަންދާޒާކޮށްފައިވަ އަދަދަކީ މަރުކަޒީ ބޭންކާއި ފިނޭންސް މިނިސްޓްރީ އަންދާޒާކުރިވަރަށް އިތުރު އަދަދެއްކަމަށެވެ.

ކޯވިޑް-19 އަށް ފަހު ރާއްޖޭގ އިޤްތިޞާދު ކުރިއަރަމުން އަންނައިރު، ނިމުނު 2022 ވަނަ 2022 ވަނަ އަހަރަށް ލަފާކުރި އިޤްތިޞާދީ ދުވެލި ވަނީ %7.6 އިން %12.4 އަށް ވޯލްޑް ބޭންކުން މަތިކޮށްފައިވާކަމަށްވެސް މިނިސްޓަރ އަމީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ބޭންކުން މިހެން އަންދާޒާކޮށްފައި ވަނީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19 ގެ ހާލަތުން އަރައިގަނެފައިވުމުންކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކޯވިޑްގައި ރާއްޖޭގެ އިޤްތިޞާދު މުޅިން ހުއްޓި، އިޤްތިޞާދު އެއްކޮށް މަޑުޖެހުނުނަމަވެސް 2021 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އިގްތިޞާދު ވަނީ %41.7 އަށް ކުރިއަރައިފައެވެ. އަދި މި އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިޞާދު %12.3 އަށް ކުރިއަރާނެކަމަށްވެސް ސަރުކާރުން ލަފާކުރައްވައެވެ.

މާލީ އިދާރާތަކުން ބުނާގޮތުން ރާއްޖެއިން އިޤްތިޞާދީގޮތުން ހޯދަމުންދާ ކުރިއެރުންތަކުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ހަރުދަނާ އިޤްތިޞާދީ އަދި މާލީ ސިޔާސަތެވެ. ކޯވިޑާއެކު އެޅުއްވި ފިޔަވަޅުތަކާއި، ކޯވިޑަށްފަހު އިޤްތިޞާދު އިއާދަކުރަން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެވެ. ވަޒީފާ ނެތް މީހުންނަށް އާމްދަނީ ލިބޭނެ ގޮތް ހޯއްދައިދީ، ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށް ފޯރުކޮށްދިން އެހީތެރިކަމަކީ ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބުތައްކަމަށް އައިއެމްއެފްއާއި ވޯލްޑް ބެންކުންވެސް ފާހަގަކުރެއެވެ.