އައި.ޖީ.އެމް.އެޗްއަކީ އެތަނަކާއި ގުޅޭގޮތުން ޢާއްމުންގެ ފަރާތުން ތަފާތު ވާހަކަތައް އަބަދުވެސް އާއްމުވާ ތަނެކެވެ. ޢާއްމުންނާއި ދިމާވާ ރަނގަޅުކަންކަމަށްވުރެ މީޑިއާއާއި ޢާއްމުންގެ ސަމާލުކަންވެސް ގިނަ ފަހަރަށް ހުއްޓެނީ ނޭދެވޭ ކަންކަމަށެވެ.
އެހެންނަމަވެސް މިފަހަރު މަންޒަރު ތަންކޮޅެއް ތަފާތެވެ. އައިޖީއެމްއެޗްގެ ވާހަކަ މިފަހަރު ގުޅެނީ އަޅުގަނޑުމެން އެންމެންވެސް އެބޭފުޅަކަށްޓަކާ ފަޚުރުވެރިވާ، އެންމެންގެ ހިތުގައި ޚާއްސަ ގަދަރަކާއި ލޯތްބެއް އެބޭފުޅަކަށް ދެވިފައިވާ އެންމެންގެ ސޯދުބެއާއެވެ.
ގިނަ ބަޔަކާއި ވަރަށް ގާތްގުޅުމެއް ބާއްވަވާ ދިވެހި އަދަބީ ގުލްޝަނުގައި ފަހުގެ ތާރީޚުގައި ވިދާލި އެންމެ އަލިގަދަ ތަރިއަކީ ދިވެހި ދަޢުލަތުގެ މަތިވެރި ޢިއްޒަތް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤެވެ. ސޯދުބެގެ ޙާލު ބޮޑުވީ ކޮންމެ ފަހަރަކު އެއީ ގިނަ ބަޔަކު ހެޔޮހިތުން ހެޔޮ ޙާލުގައި ލެއްވުމަށް ދުޢާކުރި ފަހަރެކެވެ. މިފަހަރުވެސް ސޯދުބެ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ހިސާބުން އެތައް ބަޔަކު ހާސްވިއެވެ. ދެރަވެ އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް ދުޢާކޮށް ޙާލު އެމީހަކަށް ބެލުނު ގޮތަކަށް ބަލައި އޮޅުން ފިލުވިއެވެ.
ސޯދުބެގެ ބަލި ޙާލަތު ބޮޑުވެ އައިޖީއެމްއެޗްގައި އެޑްމިޓްކުރީ މިދިޔަ އަހަރުގެ ނޮވްމެބަރުގައެވެ. ސޯދުބެވެސްވަނީ މިފަހަރު އައިޖީއެޗްގައި ކުރެވުނު ތަޖުރިބާ ހިއްސާކުރައްވާ ސޯޝަލް މީޑިއާގައި އެތަނުގެ ޚިދުމަތްތެރިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރެއް ދަންނަވާފައެވެ. ސޯދުބެގެ ޙަޔާތުގައި އެތައް ފަހަރަކު ފަރުވާގެ ކަންކަމުގައި ޚިދުމަތް ހޯއްދެވި އައިޖީއެމްއެޗްގެ ހަނދާންތައް ވަރަށް ބޮޑަށްވެސް ތަފާތު ވެއްޖެއެވެ.
We warm-heartedly thank you for entrusting us in providing you with health care. pic.twitter.com/bRQnUeKMiU
— IGMH (@igmhmv) January 11, 2023
މިފަހަރުގެ ހަނދާންތައް ތަފާތުވާ އެތައް ކަމެއް އެބައޮތެވެ. އޭގެ ތެރެއިން ސޯދުބެގެ އެންމެ ހަގު ދަރިފުޅު ރައުފަތު ސޯދިޤުގެ ކައިވެނި އައިޖީއެމްއެޗްގައި ބޭއްވުން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ތާރީޚުގައި ހޮސްޕިޓަލެއްގައި ކައިވެނީގެ ޙަފްލާއެއް ބޭއްވިކަން އެނގޭކަށްނެތެވެ. އެހެންނަމަވެސް ސޯދުބެއާއި ގުޅުންހުރިކަމަކަށްވެ އަދުގެ ސޯޝަލް މީޑިއާގެ ސަބަބުން މިކަން މިފަހަރު މިއޮތީ މީޑިއާއަށް ތިލަވެފައެވެ.
ސޯދުބެ ވަނީ ރައުފަތުގެ ކައިވެންޏަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމުން ދަރިފުޅުގެ ކައިވެނީގައި ބައިވެރިވުމުގެ ފުރުޞަތު ހޮސްޕިޓަލުގެ ހަތަރު ފާރުތެރޭގައި ފަހިކޮށްދެއްވި ކަމަށްޓަކައި ހޮސްޕިޓަލުގެ މެނޭޖްމަންޓަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރައްވާފައެވެ.
ސޯދުބެގެ ދަރިފުޅުގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ކައިވެނީގެ ވަގުތުގައި ސޯދުބެގެ އެނދު ކައިރީ ތައްޔާރުކޮށްފައިވާ ކައިވެނީގެ މޭޒު ދޮށުގައިވެސް ޢާއިލާގެ ގިނަ ބަޔަކު ތިބެއެވެ.
މިފަހަރު ހޮސްޕިޓަލުގައި ހޭދަކުރެއްވި މުއްދަތުގައި ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ އޯގާތެރިކަމަކީ ސޯދުބެގެ 80 އަށްވުރެ ދިގު ޢުމުރުފުޅުގައިވެސް އެތަނުން މީގެކުރިން ފެނިފައިނުވާކަމެއްކަން ސޯދުބެ ފާހަގަކުރައްވާފައިވެއެވެ. އަދި މިފަހަރު ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ވަޑައިގަތީ ދާހިތުން ނޫންކަން ފާހަގަކުރައްވާ ސޯދުބެ ވިދާޅުވީ، އެއީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެނޫންވެސް ޚިދުމަތްތެރިންގެ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުންކަމަށް ވިދާޅުވެފައެވެ.
މިޒާޖުފުޅުގައިވެސް ސަމާސާގޮތެއް ހުންނަވާ ސޯދުބެގެ ޕޯސްޓުގައިވަނީ އައިޖީއެމްއެޗްގައި ސޯދުބެ ހޯއްދެވި ޚިދުމަތާއި އެތަނުގައި ސޯދުބެއަށް ޚިދުމަތްކުރެއްވި ފަރާތްތަކުގެ ވާހަކަ މަޖާޒީ މޭރުމުން ގެނެސްދެއްވާފައެވެ.
"އަޅުގަނޑަކީ ހަމަ ޔަޤީނުންވެސް މިތަނުގެ ފްރީކުއަންޓް ކަސްޓަމަރ ޑިސްކައުންޓު ލިބެންޖެހޭ މީހެއްކަން ޔަޤީންވެއްޖެ. މި ވޯޑުގައި ނުބާއްވާ ކޮޓަރިއެއް ނެތް. މިހޮސްޕިޓަލުގައި އަޅުގަނޑަށް ފަރުވާ ނުދެއްވާ ނަރުހެއް، ޑަކުޓަރެއްވެސް މަދުވާނެކަން ޔަޤީން. ނަމަވެސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ވެގެން މިދިޔައީ މުޅިން ތަފާތު ގޮތަކަށް" ސޯދުބެ ވިދާޅުވިއެވެ.
ސޯދުބެގެ ޕޯސްޓާއެކު އައިޖީއެމްއެޗްގެ މަންޒަރުވެސް ބައެއް މީހުންގެ ލޮލަށް ފެންނަ ގޮތް ބަދަލުވެދާނެއެވެ. ސޯދުބެއެކޭ އެއްފަދައިން މިވާހަކަ އަޑުއިވި ލޮލަށް މަންޒަރު ފެނުނު ކޮންމެ މީހަކަށް އުފާވެރި މަންޒަރަކަށް މިކަން ވެގެންދާނެއެވެ. ކައިވެނީގެ ޙަފްލާއެއް ހޮސްޕިޓަލުގައި ބޭއްވުން މިއީ ބޭރު ޤައުމުތަކުގައި ދޭތެރެއަކުން ފެނުނުނަމަވެސް ރާއްޖެއަށް މުޅި އައު މަންޒަރެކެވެ. އައިޖީއެމްއެޗްގައި މިފަދަކަމެއް ބޭއްވުމުން އެހޮސްޕިޓަލަށްވެސް މިއީ ތަފާތު ތަޖުރިބާއަކަށްވަނީ ވެގެންގޮސްފައެވެ.