ޚަބަރު

ފެލިވަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ޙަވާލުކުރަނީ


ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އެހެން ހަރުފަތަކަށް ގެންދިޔުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ ވަޞީލަތާއި ޖާގަ ނެތުމެވެ. މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތަކާއި މަސްވެރިން އެންމެ ފަހުގެ ޒަމާނީ އިޖާދުތަކަށް އަޙުލުވެރިވީއިރުވެސް ކަމާބެހޭ ޚިދުމަތްދޭ ތަންތަން އެކަށީގެންވާގޮތެއްގައި ތަރައްޤީކުރެވިފައިނުވާކަމަށް މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ރާއްޖޭގައި މަސްވެރިކަން އެންމެ ފުޅާކޮށް ކުރަމުން އަންނަ ސަރަޙައްދުތައް ތަރައްޤީކޮށް މަސްވެރިންނަށް ދެމުންދާ ޚިދުމަތްތައް ފުޅާކޮށް އިތުރު އިންވެސްޓްމަންޓުތަކުގެ ފުރުޞަތު ފަހިކުރުމަށް އެކި މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މިގޮތުން މި ސިނާޢަތުގައި ޢުމްރާނީ ގޮތުން ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ ފެލިވަރު ތަރައްޤީކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކާ ފެލިވަރުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމް.ޓީ.ސީ.ސީއާއެވެ.

ފެލިވަރު އަޕްގްރޭޑްކުރުމަށްޓަކާ އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތުގެ ގާތްގަނޑަކަށް 85 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އެގޮތުން 6 ހެކްޓަރުގެ ބިން ހިއްކާ، ބޭރުތޮށި ލުމުގެ މަސައްކަތް އެއްކޮށް މިހާރު ވަނީ ނިމިފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯއިން ވިދާޅުވީ، މިހާރު މައި ބަނދަރުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތާއި ބަނދަރު ޙިމާޔަތްކުރުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތައް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެކްސްޕޯޓް ޖެޓީއާއި މަސްކިރާ ޖެޓީގެ ކޮންކްރީޓް ބީމްތަކުގެ މަސައްކަތްތައްކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މި މަސައްކަތާއެކު ޤާއިމުކުރަންޖެހޭ ޔޫޓިލިޓީސްގެ ކަންކަންވެސް ކުރިއަށްދާކަމަށް މިފްކޯއިން ފާހަގަކުރެއްވިއެވެ. މިހުރިހާ މަސައްކަތަކާއެކު މިފްކޯގެ އަމާޒަކީ އަންނަ މާރިޗު މަހުގެ ނިޔަލަށް ފެލިވަރުގައި އައު އޮޕަރޭޝަންސްތަކާއެކު ޚިދުމަތް ފުޅާކުރުމެވެ.

މިހާރު ކަނޑައަޅާފައިވާ ޓައިމްލައިންއާއެއްގޮތަށް އަންނަ ހަފްތާގެ ތެރޭގައި ފެލިވަރު ޕްރޮޖެކްޓްގެ 'ކޮންޕޯނެންޓް އޭ' ގައި ހިމެނޭ މަސައްކަތްތައް ކުރުމަށް ރަސްމީކޮށް ކޮންޓްރެކްޓަރަކާއި ޙަވާލުކުރުމަށް މިހާރުވަނީ ނިންމާފައެވެ.

މި ބައިގައި ހިމެނެނީ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖްއާއި، 200 ޓަނުގެ ބްރައިން ފްރީޒްކުރެވޭނެ ނިޒާމަކާއި، 80 ޓަނުގެ އާރްއެސްޑަބްލިއު ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތެވެ. މީގެއިތުރުން ފެލިވަރުގައި މިހާރު ބޭނުންކުރަމުންދާ އިންޖީނުގެ އަލަށް ހިއްކި ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތްވެސް މީގެތެރެއިން ކުރެވިގެންދާނެއެވެ.

ފެލިވަރު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢު ނިމިގެންދާއިރު ރާއްޖޭގެ މަސްވެރިކަމަށް މިހާރު ދިމާވެފައިވާ ގިނަ މައްސަލަތަކަކަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މަސްވެރިންނަށް އައިސް އަގުހެޔޮކޮށް ފޯރުކޮށްދިނުމާއި މަސްވެރިން ބޭނުންވާ ތެޔޮ ލިބޭނެ މަގުފަހިކޮށްދީ، މަސްކިރުވުމުގައި ހަރަކާތްތެރިވާނެ އިތުރު ބޯޓުތަކެއްވެސް މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ގަނެފައެވެ.