ޚަބަރު

ކައްދޫ އެއަރޕޯޓު އިންޓަނޭޝަނަލް ކުރަން ފައިނޭންސް ހޯދަނީ


ކްރޮސް ސަބްސިޑީ އުޞޫލުން ކައްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށް ފައިނޭންސް ހޯދަން ހުޅުވާލައިފިއެވެ.

ކްރޮސް ސަބްސިޑީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކަކީ ދަޢުލަތުގެ އާންމު މަންފާއަކަށްޓަކައި ޙާޞިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތަކެވެ.

ހައްދުންމަތީ ކައްދޫ އެއަރޕޯޓު ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމަށް ކްރޮސް ސަބްސިޑީ އުޞޫލުން ފައިސާ ހޯދައިގެން ހިންގާ މަޝްރޫއެއް ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވައި އެކަން އިއުލާންކުރެއްވީ މިއަދު ނެރުއްވި ގަރާރެއްގައެވެ.

މި މަޝްރޫއަށް ފައިނޭންސް ކުރަން ޖެހޭ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާކަމަށް ވަނީ ގަރާރުގައި ކަނޑައަޅާފައެވެ. ކައްދޫ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ވައުދެކެވެ.

އިޤްތިޞާދީ ހަބެއްގެ ގޮތުގައި ލ. އަތޮޅު ތަރައްޤީ ކުރުމަށްޓަކައި އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ މަސައްކަތަކީ އެ އަތޮޅުގެ ކައްދޫގައި އޮންނަ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުން ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިޤަރާރުގައި ރާއްޖޭގެ 6 ސަރަޙައްދެއްގައި އެއަރޕޯޓް އެޅުމަށް މަޝްރޫޢއަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރެއްކަމަށް ކަނޑައަޅާފައިވަނީ 3 މިލިއަން ޑޮލަރެވެ. އަދި ދެން އިއުލާނުކޮށްފައިވަނީ ގިރާވަރުފަޅު ހިއްކައި އެ ތަނުގައި ރެސިޑެންޝަލް ސިޓީއެއް ޤާއިމްކުރުމަށެވެ. އެކަމަށް ޚަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 5 މިލިއަން ޑޮލަރެވެ.