ޚަބަރު

ކޭޝް ކާޑު ބޭނުންކޮށްގެން މިހާރު ބަހަށް ފައިސާ ދެއްކޭނެ


އެމް.ޓީ.ސީ.ސީން މާލެ ސަރަޙައްދުގައި ދެމުން އަންނަ ބަހުގެ ޚިދުމަތަށް ކޭޝް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމް އެކުންފުނިން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވީ، ކޮންޓެކްޓްލެސް މާސްޓަރކާރޑްއާއި ވިސާ ބްރޭންޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް އާރް.ޓީ.އެލް މާލެ ސިޓީ ބަހުގެ ޚިދުމަތަށް މިހާރު ފައިސާ ދެއްކޭނެކަމަށެވެ.

އާރް.ޓީ.އެލް ބަހުގެ ޚިދުމަތަށް ކޭޝް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާ، އެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކާ ކާނިވާ ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

މި ޚިދުމަތާއެކު ދުނިޔޭގެ ކޮންމެ ބޭންކެއްގެވެސް ކޮންޓެކްޓްލެސް މާސްޓަރކާރޑް ނުވަތަ ވިސާ ބްރޭންޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ ބަހުގެ ޚިދުމަތަށް ޓެޕް އެންޑް ޕޭ މެތަޑުން މިހާރު ފައިސާ ދައްކާލެވޭނެއެވެ. އަދި ސްޓަރކާރޑާއި ވިސާ ބްރޭންޑުގެ ކޮންޓެކްޓްލެސް ކާޑު މެދުވެރިކޮށް ޓިކެޓަށްފައި ފައިސާދެއްކުމަށް ބޭނުންވާ ވެލިޑޭޓަރ މާލެ ސިޓީގެ ހުރިހާ އާރް.ޓީ.އެލް ބަހެއްގައިވެސް ހަރުކުރެވިފައި ހުންނާނެކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ.

މި ޚިދުމަތް ތަޢާރަފުކޮށްދެއްވަމުން މީޑިއާއާއި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، މި ޚިދުމަތަކީ އާއްމުން ވަރަށް ބޮޑަށް އެދެމުންދިޔަ ޚިދުމަތެއްކަމަށެވެ. ބަހަށް ފައިސާ ދެއްކުމަށް އަލަށް މި ހަމަޖެހިގެންދިޔަ އިންތިޒާމާއެކު، މި ޚިދުމަތް ކުރިއަށްވުރެ ފަސޭހައިން ރައްޔިތުންނަށް ލިބިގެންދާނެކަން އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، މިހާރު އަތުގައި ފައިސާ ނަގާފައިނެތަސް، ކަސްޓަމަރުގެ އަތުގައި ކޮންޓެކްޓްލެސް ކާޑެއް، މާސްޓާރ ކާޑެއް ނުވަތަ ވިސާ ކާޑެއް އޮވެއްޖެކަމުގައި ވާނަމަ މިހާރު ދަތުރު ކުރެވޭނެއެވެ.

"މީގަ އެންމެ މުހިންމުކަމަކީ ކޭޝް ދައްކަން ވަރަށް ދަތިވޭ ރައްޔިތުންނަށް. ވާހަކައަކީ 7 ރުފިޔާ ދެއްކުމަކީ ދަތި ކަމެއްކަން އަޅުގަނޑުމެންނަށްވެސް އިނގޭ އެހެން ނަމަވެސް ޚަރަދުތަށް ހުންނަގޮތުން ޚަރަދުތަށް ދެކޮޅު ޖެއްސުމަށްޓަކައި އަގުނަގަން ޖެހެނީ، ދެން އަޅުގަނޑުމެން މި އިންތިޒާމްކޮށް ތައާރަފްކުރި ޚިދުމަތާއެކު އެއްވެސް ބޭފުޅެއްގެ އަތުގައި ކޮންޓެކްޓްލެސް މާސްޓަރ ނުވަތަ ވިސާ ޑެބިޑް ވިއަސް ކްރެޑިޓް ވިއަސް އޮވެއްޖެނަމަ މިހާރު ދަތުރު ކުރެވޭނެ" އާޒިމް ވިދާޅުވިއެވެ.

އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ބޭނުންކުރާ އާއްމުންގެ ފަސޭހައަށް އިތުރު މިކުރެވުނު ފައިސާ ދެއްކޭނެ އިންތިޒާމާއެކު، 3 ގޮތަށް ބަހުގެ ޓިކެޓަށް މިހާރު ފައިސާ ދެއްކޭނެކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ. އެއީ ނަގުދުކޮށް ފައިސާ ދެއްކުމާއި، އޮންލައިންކޮށް ފައިސާ ދެއްކުމާއި، ޓެޕް ޓޫ ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމެވެ.

ކޭޝް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމް އެންމެ ފުރަތަމަ ފަށާފައި މިވަނީ މާލޭ ސަރަހައްދުގައެވެ. އެހެންނަމަވެސް ބަހުގެ ޚިދުމަތް ދެމުން އަންނަ އިތުރު ސަރަޙައްދުތަކަށްވެސް މި ޚިދުމަތް ޚިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އެމް.ޓީ.ސީ.ސީއިން ވިދާޅުވެއެވެ.