ޚަބަރު

ކުޅުދުއްފުށީގައި ކޮމިއުނިޓީ ބޭސްޑް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް


މަސްތުވާތަކެތިން ސަލާމަތްވާން ބޭނުން ފަރާތްތަކަށް "ކޮމިއުނިޓީ ބޭސްޑް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމް" ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭ އިން ހާމަކުރައްވައިފިއެވެ.

މަސްތުވާތަކެތިން ސަލާމަތްވާން ބޭނުން ފަރާތްތަކަށް ދިގު މުއްދަތަށް ފަރުވާ ދިނުމަށް ހިންގާ މިޕްރޮގްރާމަކީ ނޭޝަނަލް ޑްރަގް އެޖެންސީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

ކުޅުދުއްފުށީގައި މިޕްރޮގްރާމް ފެށުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ހެލްތު ވޯކަރުން މިހާރު ތަމްރީނު ކުރެވިފައިވާކަމަށާއި، މީގެ އިތުރުން މިހާރު ފީލްޑް ޓްރެއިނިންއެއް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އެންޑީއޭއިން މަޢުލޫމާތުދެއްވައެވެ. އަދި ކޮމިއުނިޓީ އެވެއާރނެސް ޕްރޮގްރާމެއް ހިންގުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެއެޖެންސީން ވިދާޅުވެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 4 ޖަނަވަރީއިން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން މެންދުރު ފަހު 2:00 އަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތް ޔުނިޓް (އުފަންހިޔާ)ގައި ރަޖިސްޓްރީވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންޑީއޭ ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިޝަތު މެހެރީނާ ވިދާޅުވީ މިޕްރޮގްރާމް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބޭނުންވާ ފަރުވާގެ ޚިދުމަތް ލިބޭނެ ފަހި ފުރުސަތުތަކެއް ހޯދާދިނުން ކަމަށެވެ. މީގެ އިތުރުން ފަރުވާގެ ޚިދުމަތް ހޯދުމަތް މާލެއަށް ބަރޯސާވުމުގެ ބަދަލުގައި އެބައެއްގެ ރަށެއްގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު ހޯދާދިނުމަކީވެސް މިފަދަ ޕްރޮގްރާމެއް ހިންގުމުގެ އެއް ބޭނުން ކަމަށް އޭނާ ވިދާޅުވިއެވެ.

" އެންމެ ބޮޑު އެއްބޭނުމަކީ އަސްލު ފަރުވާގެ ޚިދުމަތް ގިނަ ފަރާތްތަކަކަށް ލިބޭނެ ފުރުސަތު ހުޅުވާލަދިނުން، އެގޮތުން އަދި މާލެއައް ހުސް އެކަނި ފަރުވާގެ ޚިދުމަތް ހޯދުމަށް އައުމުގެ ބަދަލުގައި އެބައެއްގެ ރަށުގައި ތިބެގެން ފަރުވާ ހޯދޭނެ ނިޒާމެއްވެސް އެ ފުރުސަތުވެސް ހޯދައި ދިނުން." މެހެރީނާ ވިދާޅުވިއެވެ.

މެހެރީނާ އިތުރަށް ވިދާޅުވީ ކޮމިއުނިޓީ ބޭސްޑް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ ބޭހުގެ ޒަރިއްޔާއިން ފަރުވާ ދިނުމުގެ އިތުރުން ކޮމިއުނިޓީ ކޮންޕައުންޑް ނުވަތަ ރިހެބިލިޓޭޓް ބައި ހިމަނަިއގެން ކުރިއަތް ގެންދާ ޕްރޮގްރާމެއްކަމަށެވެ

މިޕްރޮގްރާމް މިއަހަރު ފަސް އަތޮޅެއްގައި ކުރިއަތް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ތިން އަތޮޅެއް މިހާރު ވަނީ ކަނޑައެޅިފައި ކަމަށެވެ. އެއީ ކުޅުދުއްފުށި ސިޓީ، ގދ.ތިނަދޫ، ފުވައްމުލައް ސިޓީއެވެ.

" އޭގެ ތެރެއިން ތިން ތަނެއް މިހާރުވަނީ އެއްކޮށް އައިޑެންޓީފައި ކުރެވިފައި. އެއީ ހދ.ކުޅުދުއްފުށި ، ގދ. ތިނަދޫ ، ފުވައްމުލަށް ދެން އަދިވެސް މަސްތުވާތަކެތީގެ މައްސަލަ ބޮޑުކޮއް އޮންނަ ދެ އަތޮޅަކަށް އަދިވެސް އަމާޒު ކުރެވިގެން އެހެންނަމަވެސް އަދި އެ ދެ އަތޮޅު ކަނޑަނޭޅޭ." މެހެރީނާ ވިދާޅުވިއެވެ.

މިޕްރޮގްރާމުގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެއްޗަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމާތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެންޑީއޭއިން ވިދާޅުވެއެވެ.