ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ 1 ވަނައަށް އަލުން ރަޝިޔާ


ހުސްވި 2022 ވަނަ އަހަރު ފެށިގެން އައީ ރަޝިއާ މާކެޓަށް އުންމީދީ އަހަރަކާއިއެކުގައެވެ. އެއަހަރު ފެށިގެން އައިއިރު ރަޝިއާ ހިމެނިފައިވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްގެ ގޮތުގައެވެ. އެގޮތުން އަހަރު ފެށިއިރު އެހެން ޤައުމުތަކާއި ބޮޑު ތަފާތަކުން ރަޝިއާ އޮތީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެވެ. ނަމަވެސް އަހަރުގެ ކުރީކޮޅު ފެށުނު ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާ މާކެޓަށް ބޮޑު އަސަރެއްކޮށް މަޑުމަޑުން ރަޝިއާއިން ރާއްްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދިޔައީ މަދުވަމުންނެވެ.

ރަޝިއާއިން ރާއްޖެ އަންނަމުންދިޔަ ފަތުރުވެރިންގެ އަދަދު މަދުވަމުންގޮސް 1 ވަނައިގައި އޮތް މާކެޓް 2 ވަނައަށް އަދި 3 ވަނައަށްވެސް މިދިޔަ އަހަރު ވަނީ ވެއްޓިފައެވެ. ހަނގުރާމަ ރަނގަޅުވަމުން އައި ވަރަކަށް މަޑުމަޑުން އަނެއްކާވެސް ރަޝިއާއިން ރާއްޖެއަށް އަންނަމުންދިޔަ ފަތުރުވެރިން ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް އަހަރު ފެށުނުއިރު 1 ވަނައިގައި އޮތް މާކެޓަށް 2022 ވަނަ އަހަރު ނިމުނުއިރުވެސް އަލުން އަނބުރާ 1 ވަނައަށް އާދެވޭގޮތެއް ނުވިއެވެ.

ނަމަވެސް 2023 ވަނަ އަހަރު ފެށިގެން މިހާތަނަށް އައިއިރު ރަޝިއާ މާކެޓް މިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި އަލުން 1 ވަނައަށް އަރާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 4 ވަނަ ދުވަހާއި ހަމައަށް %19.7 ހިއްސާއާއިއެކު ރަޝިއާ މާކެޓް ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެވެ. އެއީ މުޅި ޖުމްލަ 4402 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ނިމުނުއިރު އެންމެ ކުރީގައި އުޅުނު އިންޑިއާ މާކެޓް މިހާރު އޮތީ 3 ވަނައިގައެވެ. އެއީ ޖުމްލަ 1605 ފަތުރުވެރިންނާއިއެކުއެވެ.

2022 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ %7 ކުރިއެރުމެއް ހޯދާފައެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ 4 ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 20،842 ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 22،297 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު

* ރަޝިއާ: 4،402 ފަތުރުވެރިން
* އިޓަލީ: 3،854 ފަތުރުވެރިން
* އިންޑިއާ: 1،605 ފަތުރުވެރިން
* އިނގިރޭސިވިލާތް: 1،261 ފަތުރުވެރިން
* ޖަރުމަނުވިލާތް: 1،242 ފަތުރުވެރިން

ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް މުޅި ޖުމްލަ 59،657 އެނދު ވަނީ ފަތުރުވެރިންނަށް ޚިިދުމަތްދޭން ނެރެފައެވެ. އޭގެތެރޭގައި ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީތައް ހިމެނެއެވެ.

ރާއްޖެއިން މިއަހަރު އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 1،675،294 ފަތުރުވެރިންނެވެ. މިއީ ސަރުކާރުން އަމާޒުހިފި އަދަދަށްވުރެ އިތުރު އަދަދެކެވެ.