ޚަބަރު

އާރްޓީއެލް ފެރީއެއް ނޫމަރާ ނެރު ފައިކައްޓަށް އަރާ އެކްސިޑެންޓްވެއްޖެ


އެމް.ޓީ.ސީ.ސީ އާރް.ޓީ.އެލް ފެރީ ލޯންޗެއް ށ. ނޫމަރާއަށް ވަންނަން އުޅުމުގެ ތެރޭގައި ނެރު ފައިކައްޓަށް އަރައި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

އެމް.އެން.ޑީ.އެފްއިން ވިދާޅުވީ، އެމް.ޓީ.ސީ.ސީ ފެރީ ލޯންޗެއް ކަމުގައިވާ އާރުޓީއެލް 112 ނަންބަރު ލޯންޗް ށ. ނޫމަރާއަށް ވަންނަން އުޅުމުގެ ތެރޭގައި އެރަށުގެ ނެރު ފައިކަށްޓަށް އެރުމާގުޅިގެން އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމް.އެން.ޑީ.އެފްއަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 18:04 ހާއިރެެވެ. މިހާދިސާގައި އާރުޓީއެލް ލޯންޗް ފަރަށް އެރުމުން، ށ. ނޫމަރާގެ ރައްޔިތުންގެ އެހީތެރިކަމާއެކު ލޯންޗުން ފުންކޮށް އެ ލޯންޗުން ދަތުރުކުރި ފަޅުވެރިން ސަލާމަތްތެރިކަމާއެކު ވަނީ ށ. ނޫމަރާއަށް ގެންގޮސްފައެވެ. މި ހާދިސާ ހިނގިއިރު އެ ލޯންޗުން ދަތުރު ކުރީ، 4 ފަޅުވެރިންނާއި 4 ފަސިންޖަރުންނާއެކު ޖުމްލަ 8 މީހުންނެވެ.

އާރުޓީއެލް ފެރީ ލޯންޗް ށ. ނޫމަރާ ރައްޔިތުންގެ އެހީތެރިކަމާއެކު ފުންކޮށް އެރަށުގެ ފަޅަށް ވައްދާފައި އޮތް ނަމަވެސް ފަރަށް އެރުމުގެ ސަބަބުން ލޯންޗުން 10 ވަރަކަށް ފޫޓް ފަޅައިގެން ގޮސްފައިވުމާއެކު އެ ލޯންޗްގެ ދިޔަގަނޑު ހިއްކުމުގެ މަސައްކަތް މިރޭ 19:10 ހާއިރުން ފެށިގެން އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ދަނީ ކުރަމުންނެވެ. މި ލޯންޗް ދިޔަގަނޑު ހިއްކައި ނިމުމުން، އެމް.ޓީ.ސީ.ސީއިން ވަނީ މި ލޯންޗް އެހެލުމަށްޓަކައި ކުޅުދުއްފުއްޓަށް ގެންދިއުމަށް ނިންމާފައެވެ.