ޚަބަރު

ހިޔާ ބީޗު ސަރަޙައްދު ސާފުކުރުމަށް މޫދު ކުޅިވަރާއެކު ޚާއްސަ ހަރަކާތެއް


ހުޅުމާލޭ ދެވަނަ ފިޔަވަހީ ހިޔާ ބީޗު ސަރަޙައްދު ސާފުކުރުމުގެގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. އެޗް.ޑީ.ސީން މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މޫދު ކުޅިވަރުތަކާވެސް އެކުއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ އެޗް.ޑީ.ސީން އިސްނަގައިގެން، ހިޔާ ފްލެޓް ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކުކަމަށެވެ.

ސާފުކުރުމުގެ މި ހަރަކާތް އެޗް.ޑީ.ސީއިން ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 7 އިން ފެށިގެން މެންދުރު 12 ޖެހުމާހަމަށެވެ. މި ހަރަކާތުގެ ތެރެއިން ހިޔާ ބީޗު ސަރަހައްދުން ގިނަ އަދަދެއްގެ ޕްލާސްޓިކާއި، އެހެނިހެން ކުނި ވަނީ އެއްކޮށްފައެވެ. މި ހަރަކާތަށް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއްމުންގެވެސް ބޮޑު ތަރުޚީބެއް ލިބިގެންދިޔަކަން އެޗް.ޑީ.ސީއިން ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީ ހިޔާ ފްލެޓްތައް ކައިރީ ބީޗު ސަރަޙައްދު ސާފުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން މޫދު ކުޅިވަރުގެ ތަފާތު ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ޖެޓްސްކީ ދުއްވުމާއި، ބަނާނާ ރައިޑްފަދަ ހަރަކާތްތައް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންގޮސްފައިވެއެވެ.

މި ހަރަކާތުގައި އެޗް.ޑީ.ސީގެ އިސްވެރިންނާއި، މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި އާންމުންގެ ތެރެއިންވެސް ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ހުޅުމާލޭގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ހުޅުމާލެއަކީ އެރަށުގައި ދިރިއުޅޭ ފަރާތްތަކަށް، އެކި ބޭނުންތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކާ، ސާފުކުރުމުގެ ތަފާތު ހަރަކާތްތައް އެޗް.ޑީ.ސީން އަންނަނީ ދޭތެރެދޭތެރެއިން ހިންގަމުންނެވެ.