ޚަބަރު

ހައިވޭގައި ޤާއިމުކުރާ ސޯލާ ނިޒާމް 15 އަހަރު ވަންދެން ބަލަހައްޓާނީ ތައިލެންޑުގެ އެންސިސްއިން


އިޔާދަކުރަނިވި ޙަކަތަ އުފެއްދުމަށް ހައިވޭގައި ޤާއިމުކުރާ ސޯލާ ޕެނަލްތައް ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް ކުރިއަށް އޮތް 15 އަހަރު ނަގާނީ މަސައްކަތުގެ ކޮންޓްރެކްޓަރކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީއިން ވިދާޅުވެއްޖެއެވެ.

ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ މިމަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ތައިލެންޑުގެ އެންސިސް ކުންފުންޏެވެ.

ވޯރލް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރިއަށްގެންދާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) މަޝްރޫޢޫގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުގައި 5 މެގަވޮޓްގެ ސޯލާ ޙަކަތަ އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ދަށުން ހުޅުމާލޭގެ ބައެއް ޢިމާރާތްތަކުގެ ފުރާޅުގައާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑްގައި ސޯލާ ޕެނަލް ހަރުކޮށް އަވިން ޙަކަތަ އުފެއްދުމަށް ވަނީ ނިންމާފައެވެ. މިއާއެކު ގިނަ ބައެއްގެ އެންމެ ބޮޑަށް ސުވާލު އުފެއްދީ، މިފަދަ ޕްރޮޖެކްޓެއްގެ މަސައްކަތް ހައިވޭގައި ކުރަން ނިންމި ސަބަބާއި ގުޅޭގޮތުންނެވެ. އަދި އެސަރަޙައްދުގައި ޤާއިމުކުރާ ސޯލާ ޕެނަލްތަކުގެ ރައްކާތެރިކަމާއި ގުޅޭގޮތުންވެސް ވަނީ ސުވާލު އުފައްދާފައެވެ.

މިޕްރޮޖެކްޓާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ މިޕްރޮޖެކްޓްގެ ދަށުން ސޯލާޕެނަލް ހަރުކުރުމައި މެއިންޓަނަންސް ނުވަތަ ބެލެހެއްޓުމުގެ ހުރިހާކަމެއް ކުރިއަށްގެންދާނީ ތައިލެންޑްގެ އެންސިސް ކުންފުނިންކަމަށެވެ. މިގޮތުން ކުރިއަށް އޮތް 15 އަހަރު މިޕްރޮޖެކްޓްގައި ދިމާވާ ހުރިހާ މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތާއި މެނޭޖްކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެންސިސްއިންކަމަށް އަޙްމަދު ޢަލީ ވިދާޅުވިއެވެ.

"ހުޅުމާލޭ ލިންކްރޯޑުގައި ޤާއިމުކުރާ ސޯލާ ޕީވީ ސިސްޓަމްތަކަކީ، ޕީޕީއޭގެ ދަށުން 15 އަހަރު ދުވަހު އެސިސްޓަމްތައް އޮޕަރޭޓްކުރާނީ، އެއިންސްޓޯލްކުރާ ކުންފުނިން. ސަރުކާރުން އެއްވެސް ކަހަލަ ޚަރަދެއް އެއަކަށް ކުރާކަށް ނުޖެހޭނެ. އޭގެއިން އުފައްދާ ކަރަންޓު މިވިއްކަނީ 10.9 ސެންޓަށް. އެއީ މިހާރު ކަރަންޓު އުފައްދަން ކުރާ ހޭދައަށްވުރެ ވަރަށް ބޮޑު ތަނުން ހެޔޮ އަގެއް." އަޙްމަދު ޢަލީ ވިދާޅުވިއެވެ.

އަޙްމަދު ޢަލީ ވިދާޅުވީ މިޕްރޮޖެކްޓްގެ ދަށުން ސޯލާ ޕެނަލް ހަރުކުރާނެ ވަރަށް ގިނަ ސަރަޙައްދުތަކެއް ވަނީ ބަލާފައެވެ. އެހެންނަމަވެސް މާލެ ސަރަޙައްދުގައި އެކަށީގެންވާ ހުސް ޖާގަ ނެތުމާއި، ހައިވޭގެ އެސަރަޙައްދަކީ އިތުރު އެހެން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ސަރަޙައްދަކަށް ނުވުމަކީ ސޯލާ ޕެނަލްތައް އެސަރަޙައްދުގައި ހަރުކުރުމަށް ނިންމި ސަބަބެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްކާތެރިކަމުގެ ގޮތުން މަސައްކަތުގެ ކޮންޓްރެކްޓަރާއި އިންޖިނިއަރުންގެ ލަފާގެ މަތިން އެސަރަޙައްދުގެ އެކްސިޑެންޓު ހިނގާފައިވާ މިންވަރަށާއި، ޕެނަލްތަކުގެ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކަށް ބަލައި ދިރާސާކޮށްފައިވާކަމަށްވެސް އަޙްމަދު ޢަލީ ވިދާޅުވިއެވެ.

"މިހާރު ހަރުކޮށްފައިވާ ސިސްޓަމްތަކަކީވެސް ރާއްޖޭގެ ވަޔާއި އޮޔަށް، ވިސްނާފައި، ސިމިއުލޭޓްކުރުމަށްފަހު ކޮންސަލްޓެންޓުންނާއި ފަންނީ މާހިރުންގެ ލަފާގެ މަތިން ސިސްޓަމްތަކުގެ ސްޓްރެންތު ބެލިގެން ދިގު މުއްދަތެއްގައި ދެމިހުންނާނެ ގޮތެއްގެ މަތިން ޑިޒައިންކޮށް ކުރެވިފައިވާކަމެއް މިއީ." އަޙްމަދު ޢަލީ ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ބައެއް ހައުސިންގ ޔުނިޓުތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް މިހާރު ވަނީ ނިމިފައެވެ. އަދި މިޕެނަލްތަކުން ޙަކަތައިގެ މައި ގްރިޑަށް ގުޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެކަމަށް އަޙްމަދު ޢަލީ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ މިމަޝްރޫޢުގެ ދަށުން ހައިވޭ ސަރަޙައްދުގެ މަގުގެ މެދުގައާއި ގޮނޑުދޮށާއި ވީ ފަޅިން އޮންނަ ސަރަޙައްދުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ސޯލާ ޕެނަލް ހަރުކުރުމަށް ޤާއިމުކުރަންޖެހޭ ސްޓްރަކްޗަރގެ މަސައްކަތްތައްކަމަށް އަޙްމަދު ޢަލީ ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ޙަކަތައިގެ މިމަޝްރޫޢު ނިމިގެންދާއިރު ރާއްޖޭގައި އަވިން ހަކަތަ އުފެއްދޭ އެންމެ ޕީކް 5 ގަޑިއިރު، އިރުގެ އަވިން ޙަކަތަ އުފައްދާ، އަހަރަކު ގާތްގަނޑަކަށް 2 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 3.8 މިލިއަން ޓަނުގެ ގޭސް މަދުކުރެވޭނެކަމަށްވެސް މިނިސްޓްރީއިން ލަފާކުރެއެވެ.