ޚަބަރު

އައްޑޫ ސިޓީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި


އައްޑޫ ސިޓީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނުކަމަށެވެ.

އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެންއޫޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކުންފުނިން މިހާރު ޢަމަލީ މަސައްކަތްވަނީ ފަށާފައެވެ. މިމަޝްރޫޢާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ މިމަޝްރޫޢުގެ ސްކޯޕްގެ ތެރޭގައި އައްޑޫގައި އޮންނަ ހަންކެޑެ ސަރަޙައްދުގެ ދެކޮޅުން ހިލަ ޖެއްސުމާއި ވެލި އެޅުން ހިމެނޭކަމަށެވެ. މިގޮތުން ޢަމަލީ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފަށާފައިވަނީ މިމަސައްކަތް ކަމަށް މޭޔަރ ވިދާޅުވިއެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އޯގަސްޓް އަދި ސެޕްޓެމްބަރު ހިސާބުގައި އެއްކޮށް ނިންމާލެވޭނެކަމަށް މޭޔަރވަނީ ވިދާޅުވެފައެވެ.


މިމަޝްރޫޢަކީ ތިމާވެއްޓާއި ގުޅޭ ގިނަ ފަރާތްތަކެއްގެ ބޮޑެތި ކަންބޮޑުވުންތައް ހުރި މަޝްރޫޢެއްކަމުން މޭޔަރވަނީ އެކަން ޙައްލުކޮށް މިމަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހުގައިކަމަށް ވިދާޅުވެފައެވެ.

ނެދަލޭންޑްސްގެ ވޭންއޫޑް ކުންފުނިންވަނީ ބުދަ ދުވަހު އައްޑޫ ސިޓީ ކައުންސިލްއާއި ބައްދަލުކޮށް މިމަޝްރޫޢުގެ މަސައްކަތް ފެށުމުގެ ކުރިން ހުރި އެންމެ ފަހުގެ މަޢުލޫމާތުތައް ސިޓީކައުންސިލްގެ އިސްވެރިންނާއި ހިއްސާކޮށްފައެވެ.

އައްޑޫ ބިންހިއްކުމަށް ކުރިއަށްގެންދާ ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫއާއި މަރަދޫފޭދޫއިން 194 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިރަށްރަށުގެ ފަޅު ތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ކުރިންވަނީ ހާމަކޮށްފައެވެ. އަދި 11 ކިލޯމީޓަރުގެ އެއްގަމު ތޮއްޓެއްލާ އެސަރަޙައްދު ޙިމާޔަތްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.