ޚަބަރު

ދުވާފަރު ބޮޑު ޚިޔާނާތް: ދައުވާކުރުމުގެ އެންމެފަހު މަރުހަލާގައި


ރ.ދުވާފަރު ކައުންސިލުގެ ބޮޑު ޚިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުންގެ ތަހުގީގް ނިންމައި ޕީޖީ އޮފީހުން ފޮނުވި ކޮމެންޓާއެކު މިހާރު އޮތީ މައްސަލާގައި ދައުވާކުރުމުގެ އެންމެ ފަހު މަރުހަލާގައިކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ.

ރ.ދުވާފަރު ކައުންސިލުގެ ބޮޑު ޚިޔާނާތާއި ގުޅިގެން އެކައުންސިލްގެ ފަސް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލާއި، އެހެން ބައެއް މުވައްޒަފުންވެސް ވަނީ މިދިޔަ ނޮވެމްބަރުމަހު ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ސަސްޕެންޝަނުގެ މުއްދަތު ހަމަވެގެން އޭގެ ތެރެއިން ދެ ކައުންސިލަރަކު ވަނީ އަލުން ވަޒީފާއަށް ނިކުމެފައެވެ.

މިމައްސަލާގައި ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން ތަޙުޤީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު، މިމައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާކަން މިމައްސަލަ ތަހުގީގްކުރި އޭސީ.ސީންވެސް ވަނީ ފާހަގަކޮށްފައެވެ.

އޭސީސީން މިމައްސަލައިގެ ތަހުގީން ނިންމައި ދައުވާ ކުރަން ފޮނުވުމުގެ ކުރިން ޕީޖީ އޮފީހުގެ މަޝްވަރާއަށް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުއެވެ. ޕީޖީ އޮފީހުން މިމައްސަލާގައި އެދުނު އިސްލާހުތައް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސާ ނިޝާން މުހައްމަދު ދީދީ ވިދާޅުވިއެވެ. އަދި މިހާރު މިމައްސަލާގައި އޮތީ ދައުވާ ކުރަން ފޮނުވުމުގެ އެންމެ މަރުހަލާގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން 12 މުވައްޒަފެއްގެ މައްސަލަ ތަހުގީގްކުރި ނަމަވެސް ދައުވާކުރަން ފޮނުވަނީ ކިތަން މީހުންނަށްކަމެއް އޭސީސީން ހާމަކޮށްފައި ނުވެއެވެ.

ދުވާފަރުން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭއިން ޢާންމުކުރި ރިޕޯޓްގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ކައުންސިލްގެ ތެރޭގައި ނަހަމަ ގޮތުގައި ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކެވެ. އެގޮތުން ޒަކާތު ފައިސާއަށް ޚިޔާނާތްތެރިވުމާއި، ބިޑް ކުރުމާއި ނުލާ ކައުންސިލްގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް މަސައްކަތްތައް ހަވާލުކުރުމާއި، ލިޔެކިޔުން ނެތް ފައިސާގެ އެތައް މުޢާމާލަތްތަކެއް ކޮށްފައިވާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މި މުޢާމަލާތްތަކުގައި ކައުންސިލްގެ ޑިރެކްޓަރާއި، ކައުންސިލްގެ ރައީސްއާއި މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ކޮންޓްރެކްޓް މުވައްޒަފުންނަށްވެސް ފައިސާ ޖަމާކޮށްފައިވާކަމަށް އެލް.ޖީ.އޭގެ ރިޕޯޓްގައިވެއެވެ. އަދި ލިޔެކިޔުންނެތި ކައުންސިލްގެ ފައިސާއިން އެތައް ލައްކަ ރުފިޔާއެއް ކައުންސިލްގެ މުވައްޒަފުންގެ އެކައުންޓްތަކަށް، ޖަމާކޮށްފައިވާކަމަށް އެ ރިޕޯޓްގައިވެއެވެ.