ރ. އަލިފުށީގައި ސަރުކާރުން ތަރައްޤީ ކުރާ އެއަރޕޯޓްގެ ޓަރމިނަލްގެ ބިންގާ އަޅައިފިއެވެ.
ޓަރމިނަލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކާ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދު ހުސައިން އާއި ކައުންސިލްގެ ރައީސް އާދަމް އިމްރާންއެވެ.
އަލިފުށީ އެއަރޕޯޓް ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ. މި މަސައްކަތް ހަވާލުކުރީ ބިންހިއްކުމާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާއެކުއެވެ.
ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓްމަހުއެވެ. މި ޕްރޮޖެކްޓްގައި އެރަށުން 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިކުމުގެ މަސައްކަތް ނިމެމުންދާވަރަކަށް، އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ދަނީ ފަށަމުންނެވެ.
އަލިފުށިން ހިއްކާ 50 ހެކްޓަރު ބިމުގެ %80 ބޭނުންކުރާނީ އެއަރޕޯޓް ސަރަޙައްދަށެވެ. އަނެއް 10 ހެކްޓަރު ބޭނުންކުރާނީ ބޯހިޔާވަހިކަމާއި، ރަށުގައި އިޤްތިޞާދީ މަސައްކަތަކަށް ބިން ދޫކުރުމަށެވެ.
އަލިފުށީ އެއަރޕޯޓް މަސައްކަތުގައި އެންމެ ފުރަތަމަ ފަށާފައި މިވަނީ އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކެވެ. މިހާރު ކުރިއަށްދަނީ ފަޔަރ ޕޮންޑުގެ ޝަޓަރިންގ އާއި ބާ ބެންޑިންގ މަސައްކަތްތަކެވެ. އަދި މިހާރު މިވަނީ ޓާމިނަލްގެ ބިންގާވެސް އަޅާފައެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްތަކުގައި ދެން ހިމެނެނީ ރަންވޭއެއް އެޅުމާއި ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމުގެ މަސައްކަތެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. އެއަރޕޯޓްގައި ހަދާނީ 1200 މީޓަރުގެ ރަންވޭއެކެވެ.
ބިން ހިއްކާ އެއަރޕޯޓްގެ މަސައްކަތް ކުރަމުންދާއިރު މިހާރު ޓަރމިނަލް އެޅުމަށްޓަކައި 17 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. އަދި ދެން ހިއްކަން ފަށާނީ ފްލައިޓް ޖެއްސުމަށްޓަކައި އަޅާ ރަންވޭ އެޅުމަށް ބޭނުންވާ ސަރަޙައްދުކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާޒިމް ވިދާޅުވީ އުއްމީދަކީ މިއަހަރުގެ ތެރޭގައި އަލިފުށީ އެއަރޕޯޓްގައި ފްލައިޓް ޖެއްސޭނެ ގޮތް ހެދުންކަމަށެވެ.
އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެއް ފަހަރާ މިހާ ބޮޑު ސްކޯޕެއްގައި ސަރުކާރު ކުންފުންޏަކަށް ޕްރޮޖެކްޓެއް ޙަވާލުކުރި ފުރަތަމަ ފަހަރެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
3000 ހެއްހާ މީހުންގެ އާބާދީއެއް އޮންނަ ރ. އަލިފުއްޓަކީ އަތޮޅުގެ އެހެން ރަށްތަކާއި ދުރުގައި އޮންނަ ރަށެކެވެ. ރަށް އޮންނަނީ މިހާރު އެ އަތޮޅުގައި އޮތް އިފުރު އެއަރޕޯޓާވެސް ދުރުގައެވެ. އަލިފުށި އެއަރޕޯޓާއެކު އެ ސަރަޙައްދުގެ ރައްޔިތުންނަށް ދަތުރުފަތުގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ.