ޚަބަރު

ފުއްގިރި މައްސަލަ: ހެކީގެ ގޮތުގައި ޕެންޑޯރާ ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް ހުށަހަޅަނީ


ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ދެކޮޅަށް ޕެންޑޯރާ ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް، އައު ހެކިތަކެއްގެ ގޮތުގައި ހުށަހެޅާނެމަށް ދައުލަތުން ވިދާޅުވެއްޖެއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ. އަދި ސަން ކޮންސްޓްރަކްޝަން އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް އެމަނިކުފާނުގެ މައްޗަށް ތުޙުމަތުކޮށްފައިވެއެވެ.

ރައީސް ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި، ސަން ކޮންސްޓްރަކްޝަނާއި، ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

ދައުލަތައި، ދިފާއުންވެސް އާހެކި:

ދުވަސްތަކަކަށްފަހު މިއަދު ބޭއްވި ފުއްގިރި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިއިވަނީ އޮންލައިންކޮށެވެ. މާފުށީ ޖަލުގައި އާރަށު މައްސަލައިގެ ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ރައީސް ޔާމީންވެސް މި ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއަދުގެ އަޑު އެހުމުގައި ޝަރީއަތުގެ މަޖިލިސް ބެލެހެއްޓެވީ މިމައްސަލަ ކުރިން ބައްލަވަމުން ގެންދެވި އަހުމަދު ޝަކީލް ތަނާޒުލުވެ ވަޑައިގެންނެވުމުން މިމައްސަލާއި ހަވާލުވެ ވަޑައިގެންނެވި ޤާޒީ ނަދީމެވެ.

މިއަޑުގެ އަޑުއެހުމުގައި ދެފަރާތުންވެސް ވަނީ އާހިކެތަކެއް މިމައްސަލާގައި ލިބިފައިވާތީ އެ ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ދައުލަތުގެ ފަރާތުން ވިދާޅުވީ ފުއްގިރީގެ މުއާމަލާތާއި ގުޅިގެން ޕެންޑޯރާ ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް ހުށަހަޅަން އެދިފައިވާނެކަމަށެވެ. އަދި މިމައްސަލައިގައި ލިބިފައިވާ އެހެން ބައެއް ހެކިތައްވެސް ހުށަހެޅުމަށް ބޭނުންވާތީ ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕެންޑޯރާ ޕޭޕާރސްއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ މަހުޖަނުންނާއި ސިޔާސީ މީހުން، ކޮރަޕްޝަނާއި ޓެކްސް އަށް ހަދާފައިވާ މަކަރުތައް ހާމަކުރުމުގެ ގޮތުން އެކި ގައުމުތަކުގެ ތަހުގީގީ ނޫސްވެރިން ވެގެން ލީކްކޮށްފައިވާ ލިޔުންތަކެކެވެ.

ދުނިޔޭގެ އެތައް ގައުމެއްގެ ނުފޫޒުގަދަ މީހުން ޓެކްސް އަށް މަކަރު ހަދާ، ގޮތް ނޭނގޭ ގޮތަށް ހޯދާ ފައިސާތައް ގައުމުން ބޭރުގެ އެކައުންޓުތަކުގައި ފޮރުވުމަށް ހިންގާފައިވާ އަމަލުތައް ފަޅާއަރުވާލީ 2021 ވަނަ އަހަރުއެވެ. ނޫސްވެރިންގެ ޓީމުން ލީކްކޮށްލި ލިޔުންތަކުގައި 11.9 މިލިއަން ޑޮކިއުމަންޓް ހިމެނެއެވެ. މި ލިޔުންތަކުން ދުނިޔޭގެ 35 ގައުމެއްގެ އިސް ލީޑަރުންގެ ފައިސާގެ އޮޅުވާލުންތައް ހާމަވިއިރު އޭގެ ތެރޭގައި ގައުމުތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާއި ބޮޑުވަޒީރުންނާއި ވިޔަފާރިވެރިންވެސް ހިމެނެއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމުންވެސް ވަނީ މިމައްސަލާގައި އާހެކިތަކެއް މިއަދު ލިބޭނެކަމަށް ބެލެވޭ ކަމަށާއި، ހެކިތައް ހުށަހެޅުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދައުލަތުން ހުށަހަޅާ ކަންކަމާއި ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހަޅަން ފުރުސަތު ދެއްވުމަށްވެސް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ އެދިވަޑައިގެންފައެވެ. ދެފަރާތުގެ ވާހަކަތަކަށް ބެލުމަށްފަހު ޤާޒީ ވިދާޅުވީ އާހެކި ހުށަހެޅުމުން ހުށަހަޅާ ކަންކަމަށް ބެލުމަށްފަހު ހެކި ބަލައިގަތުމާއިމެދު ގޮތެއް ނިންމަވާނެކަމަށެވެ.

އަދީބުގެ ވަކީލަކަށް އުޅެފައިވަތީ އެދުނީ ޤާޒީ ތަނާޒުލްވުމަށް:

މިމައްސަލަ މިހާރު ބައްލަވާ ގާޒީ ނަޒީމަކީ މިމައްސަލާގެ އެންމެބޮޑު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ އަހުމަދު އަދީބުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ބޭފުޅަކަށްވާތީ ރައީސް ޔާމީންގެ ޤާނޫނީ ޓީމުންނާއި، ކްރިކް ރިޒާގެ ޤާނޫނީ ޓީމުން ވަނީ ޤާޒީ ތަނާޒުލް ވުމަށް އެދިވަޑައިގެންފައެވެ.

ދިފާއުން ފާހަގަކުރެއްވި ނުކުތާތަކާއި ގުޅިގެން ޤާޒީ ނަދީމް ވިދާޅުވީ އަދީބުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓަށް ވަޑައިގެންނެވީ މީގެ ހަތް އަހަރު ކުރިން އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތަކަށް ކަމުގައެވެ. ނަމަވެސް އަދީބަށް ކުރެވުނު އެއްވެސް ކުށަކާއި ގުޅިގެންވެސް ކޯޓަށް ވަޑައިގެންފައި ނުވާނެކަމަށާއި އަދި އަދީބަށް ކުރެވޭ އެއްވެސް ޖިނާއީ ކުށަކާއި ގުޅިގެންވެސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ނުވާނެކަމަށް ޤާޒީ ނަދީމް ވިދާޅުވިއެވެ. މިމައްސަލާގައި ޤާޒީ ވަނީ ދިފާއުން ހުށަހެޅި ކަންކަމަށް ބަލައި ޝަރީއަތުން އެކަމާއި ވިސްނަވާނެކަމަށް ވިދާޅުވެފައެވެ.

ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންދިޔައިރު، ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާއެއް ސާބިތުވުމާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަމަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވާފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ހުކުމް ތަންފީޒުކުރުމަށް ކ. މާފުށީ ޖަލުގައެވެ.