ޚަބަރު

ކެމްޕެއިނަށް ރައީސް ނަޝީދު ފުވައްމުލަކަށް


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިނަށް ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި ރައީސް ނަޝީދުއެވެ.

އިންތިޚާބުގައި ދެބޭފުޅުންވެސް ގެންދަވަނީ ކެމްޕެއިން ހަރަކާތްތައް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަވަމުންނެވެ. މިގޮތުން ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގެންފައިވާއިރު، އެ ރަށުގައިވެސް ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން މިދިޔަމަހުގެ 29 ވަނަ ދުވަހު އިފްތިތާހުކުރެއްވީ މާލޭގެ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައެވެ. ރައީސް ނަޝީދުގެ ކެމްޕެއިން ޝިއާރަކީ "ފިކުރެއްގެ ދިރުން" މި ޝިއާރެވެ. ކެމްޕެއިންގައި މިއަދު ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގެންފައިވަނީ އެސިޓީގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވައި ތާއީދު ހޯއްދެވުމަށެވެ.

ކެމްޕެއިންގައި މިހާތަނަށް ރައީސް ނަޝީދު ވަނީ ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފައެވެ. އަދި މާލޭގައި ރޭ ވަނީ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ.

ރައީސް ސާލިހުވެސް ވަނީ އެމަނިކުފާނުގެ ކެމްޕެއިން ފަށްޓަވާފައެވެ. އެގޮތުން އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ޖަގަހަ ޖަލްސާތައް މިދިޔަ ހަފްތާގައި ފަށާފައިވާއިރު، ކެމްޕޭން ޓީމްގެ ދަތުރުތައްވެސް މިހާރު ވަނީ އަތޮޅުތަކަށް ފަށާފައެވެ.