ޚަބަރު

ފީވަކު ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި


ށ. ފީވަކު ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފީވަކު ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ޔެސް މޯލްޑިވްސްއާއި ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ އަޝްހަދު ސައީދެވެ.

މި މަޝްރޫޢުގެ ދަށުން ފީވަކު ސްކޫލުގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތުގެ އިތުރުން، ސްކޫލުގެ ވަށާފާރުގެ މަސައްކަތްވެސް ވަނީ އެކުންފުންޏާ ޙަވާލުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢަކީ 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ.

ފީވަކު ސްކޫލުގެ މަލްޓި ޕަރޕަސް ހޯލާއި، ވަށާފާރުގެ މަސައްކަތް ޔެސް މޯލްޑިވްސްއާއި ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 14.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.