ޚަބަރު

ރައީސް ނިންމުންތައް ނިންމަވަނީ ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން: އަމީރު


ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19ގެ ބަލިމަޑުކަމުގެ ކުރީ ހުރިވަރަށް އިއާދަވެފައިކަމަށާއި ރާއްޖޭގެ އިޤްތިޞާދު ދަނީ ބާރަށް ކުރިއަރަމުން ކަމަށް އައި.އެމް.އެފްގެ ސްޓާފް ވިޒިޓަށްފަހު ހާމަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު އައި.އެމް.އެފްގެ ސްޓާފް ވިޒިޓަށް ފަހު ނެރެފައިވާ ޕްރެސް ރިލީޒްއާއި ހަވާލާދީ ކުރެއްވި ޓްވީޓެއްގައެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް އައި.އެމް.އެފްގެ ވަފުދެއް ރާއްޖެއަށް ކުރި ދަތުރަށްފަހު އެ ވަފުދުގެ ރިޕޯޓް އައި.އެމް.އެފްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމުން އެ ބޯޑުން މަޝްވަރާކުރުމަށްފަހު ނެރުނު ބަޔާނުގައި ވަނީ ކޯވިޑް-19 އަށްފަހު
ރާއްޖޭގެ އިގުތިސާދު ދަނީ ބާރަށް ކުރިއަރަމުން ކަމަށާއި، މިއީ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާ ކަމަށެވެ.

މިބަޔާނާއި ހަވާލާދީ މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ބާރަށް ކުރިއަރަމުންދާކަމަށާއި ދިވެހި އިގުތިސާދު މިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި ކަމަށެވެ.

އެގޮތުން މިދިޔަ އަހަރަށް އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަން ފާހަގަކުރައްވާ މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް ލަފާކޮށްފައިވާކަން މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އިޤްތިސާދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ނިންމަވަނީ އެއިން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިސްކުރައްވަނީ ޤައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ކައިރި ޤައުމުތަކުން ފެނިގެންދާ ހަޤީޤަތަކީ, ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި, އިޤްތިސާދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް"ވުމުން, އޭގެ ބޮޑު ގެއްލުމާއި ދެރަ ވަރަށް ހިތިކޮށްކަން އުފުލަންޖެހޭތަން ކަމަށެވެ.

އައި.އެމް.އެފް ވަފްދެއް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 21 އިން 29އަށެވެ.

އެދަތުރުގައި މިވަފްދުވަނީ ކޯވިޑް-19 ޕެންޑަމިކުން އަރައިގަނެ އިޤްތިޞާދު ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ކިޔާފައެވެ. އަދި އިޤްތިޞާދު ރަނގަޅުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ ދައުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކާއި، ރައްޔިތުންނާ ހަމައަށް ވެކްސިން ފޯރުކޮށްދިނުން އަވަސްކުރުންކަން އައި.އެމް.އެފްއިން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، އަދި ޖީ.އެސް.ޓީއާއި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމާއި، ސަބްސިޑީސް ރީފޯމްކުރުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއްކަން އައި.އެމް.އެފްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ދައުލަތުގެ ޚަރަދުތަކާއި، ދަރަނި މެނޭޖްކުރުމުގައި ހަރުދަނާ ފިޔަވަޅުތައް ޤާއިމުކުރުމަށްވެސް ވަފުދުން ވަނީ ލަފާދީފައެވެ.