ޚަބަރު

މިދިޔަ އަހަރު ރާއްޖެއިން މަސްދަޅު އެކްސްޕޯޓްކުރި މިންވަރު %16.6 އިތުރު


2021 އަހަރާއި އަޅާބަލާއިރު ރާއްޖެއިން މަސްދަޅު އެކްސްޕޯޓްކުރި މިންވަރު %16.6 އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ އެއޮތޯރިޓީން ކޮންމެ މަހަކު ނެރޭ ރިޕޯޓްގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން މިދިޔައަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖެއިން 7869.1 މެޓްރިކް ޓަނުގެ މަސް ދަޅު އެކްސްޕޯޓްކޮށްފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ 6750.2 މެޓްރިކް ޓަނާ އަޅާބަލާއިރު %16.6 އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، ރާއްޖެއިން އެކްސްޕޯޓްކުރި މަސްދަޅުގެ އަދަދު އިތުރުވެފައިވީ ނަމަވެސް ރާއްޖެއިން އެކްސްޕޯޓްކުރި ޖުމްލަ މަހުގެ އަދަދު ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ. އޭގެ މައިގަނޑު ސަބަބަކީ ރާއްޖެއިން ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާ މިންވަރު ދަށްވުން ކަމަށް އެމްއެމްއޭއިން އެމްއެމްއޭއިން ހާމަކުރެއެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 8328.6 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެއްޔެވެ. މިއީ 2021 ވަނަ އަހަރުގެ މިމުއްދަތުގައި އެކްސްޕޯޓްކުރި 14415.3 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެއްޔާއި އަޅާބަލާއިރު %42.4 ދަށް އަދަދެކެވެ.

ރާއްޖެއިން އެކްސްޕޯޓްކުރި ރީނދޫ އުރަހަ ކަންނެލީގެ އަދަދު ދަށްވެފައިވީ ނަމަވެސް، ރާއްޖެއިން ކަޅުބިލަ މަސް އެކްޕޯޓްކުރި މިންވަރު ވަނީ 2021 ވަނަ އަހަރަށްވުރެ އިތުރުވެފައެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން، 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ 45531.8 މެޓްރިކް ޓަނުގެ ކަޅުބިލަމަހެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 46812.1 މެޓްރިކް ޓަނުގެ ކަޅުބިލަމަހެވެ. މިއީ %2.81 ގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މަސް ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މަސް ކުންފުނިތަކުން، 73731.8 މެޓްރިކް ޓަނުގެ މަސް ގަނެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ. މިމުއްދަތުގައި، ކަޅުބިލަ މަހުގެ އަގު ވަނީ ކިލޯއެއް 14 ރުފިޔާއިން 15 ރުފިޔާއަށް އިތުރުވެފައެވެ.