ދުނިޔޭގެ ވިޔަފާރި

ރަޝިއާ އާއި ޗައިނާގެ ވިޔަފާރީގެ މުއާމަލާތްތައް 200 ބިލިއަނަށް އަރާނެ: ޕުޓިން


ރަޝިއާ އާއި ޗައިނާގެ ވިޔަފާރީގެ މުއާމަލާތްތައް ކުރިން އަންދާޒާ ކޮށްފައިވާ ވަރަށް ވުރެ އަވަހަށް 200 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ރަޝިއާގެ ރައީސް ވުލަދްމީރް ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން މިހެން ވިދާޅުވެފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުންނެވެ. ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޗައިނާ ދެމެދުގައި ކުރެވިފައި ހުރި ވިޔަފާރި މުއާމަލާތްތައް ވަނީ ރެކޯޑް ހަދައި ފައިދާ އިތުރުކޮށްފައެވެ. ރަޝިއާ އިން ޗައިނާއަށް މިއަހަރު އެންމެ ގިނައިން އެކްސްޕޯޓު ކުރީ ތެޔޮ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ގޭހުގެ ވިޔަފާރި ވެސް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިއާއާއި ޗައިނާގެ ގުޅުން ބޮޑަށް ވަރުގަދަވެ އިތުރުބާރު ބޮޑުވެގެން ދިޔަ ސަބަބަކީ ދުނިޔޭގެ މަސްރަހަށް މިއަހަރު އައި ބަދަލު ކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި ރަޝިއާއަށް ވެސް ފައިދާ ބޮޑު ގޮތަކީ އިތުބާރު ބޮޑު އަދި އިތުބާރު ދެމެހެއްޓޭ ގައުމުތަކާއި އެކު ވިޔަފާރިކުރުން ކަމަށް ވެސް ޕުޓިން އިތުރަށް ވިދާޅުވިއެވެ.

ރަޝިއާ އާއި ޗައިނާއާ ދެމެދު އޮތް އަސްކަރީ އެއްބާރުލުމަށް ތައުރީފު ކުރައްވާ ޕޫޓިން ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި ރަޝިއާ އާއި ޗައިނާއާ ދެމެދު އޮންނަ އެއްބާރުލުމަކީ އިންސާފުވެރި ދުނިޔޭގެ ނިޒާމުތައް ދެމެހެއްޓުމަށް ބާރުއަޅާނެ ގުޅުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވަނީ މިހާރު ކުރިއަށްދާ ފިނި މޫސުން ނިމުމަށް ފަހު، ރަޝިއާއަށް ވަޑައިގަތުމަށް ޝީއަށް ދައުވަތު އަރުއްވާފައެވެ.
ޝީ ވިދާޅުވީ ރަޝިއާ އާއެކު ދެމެހެއްޓެނިވި ގޮތުގައި އެއްބާރުލުން ވަރުގަދަކުރައްވާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ބައިވެރިންގެ ގޮތުގައި ދެ ގައުމުގެ ރައްޔިތުންގެ ލާބައަށާއި ދުނިޔޭގެ ހަމަޖެހުމަށްޓަކައި ބެއިޖިން އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް ޝީ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ގޮތުން ދަތި އުނދަގޫ އަދި ނުތަނަވަސް ދަނޑިވަޅުތަކުގައި ދެމެހެއްޓެނިވި ގޮތުގައި އެއްބާރުލުން އިތުރުކުރެއްވުމަކީ އެދެވޭ ކަމަކަށް ވާނެ ކަމަށް ވެސް ޝީ ވިދާޅުވިއެވެ.