ދުނިޔޭގެ ވިޔަފާރި

ޓައިވާނުގެ އިގްތިސާދަށް ބޮޑު އަދަދެއް އިންވެސްޓް ކުރަނީ


ޓެކްސް އިން ލިބޭ އާމްދަނީން އަންނަ އަހަރު ޓައިވާނުގެ އިގްތިސާދަށް އިތުރު 12.43 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް އެ ގައުމުގެ ރައީސް ޓައި އިންގް ވެން ވިދާޅުވެއްޖެއެވެ. މީގެތެރޭގައި ކަރަންޓަށް ދޭ ސަބްސިޑީވެސް ހިމެނޭނެއެވެ.

އެކްސްޕޯޓަށް ބަރޯސާވާ އިގްތިސާދެއް އޮންނަ ޓައިވާނުގެ އިގްތިސާދީ ދުވެލި 2021 ވަނަ އަހަރު %6.45 އަށް ހަލުއިވެފައިވާއިރު، މިއީ 2010 ވަނަ އަހަރަށްފަހު ޓައިވާނުގެ އިގްތިސާދީ ދުވެލި އެންމެ ހަލުވިވީ ފަހަރުވެސްމެއެވެ. 2010 ވަނަ އަހަރު ޓއަިވާނުގެ އިޤްތިސާދީ ދުވެލި ވަނީ %10.25 އަށް ހަލުވިވެފައެވެ. ޗައިނާގައި މިހާރު އޮތް ކޯވިޑުގެ ބަލިމަޑުކަމާއި، ދުނިޔޭގެ އިންފްލޭޝަން އަސަރުތަކާއި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން މިދިޔަ އަހަރާއި މިއަހަރުވެސް ޓައިވާނުގެ އިގްތިސާދީ ދުވެލި ހަލުއިވާ މިންވަރު މަޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިގްތިސާދީ އިސް އޮފިޝަލުންގެ ބައްދަލުވުމަކަށް ފަހު ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ޓައި ވިދާޅުވީ އަންނަ އަހަރު ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކަށް ސަރުކާރުން ދުރާލާ ތައްޔާރު ވާންޖެހޭ ކަމަށެވެ.

މިއަހަރު ޓެކްސްގެ އިތުރު އާމްދަނީއެއްގެ ގޮތުގައި ސަރުކާރުން ލަފާކުރާ 380 ބިލިއަން ޓީ ޑޮލަރު ޚަރަދުކުރާނީ ކަރަންޓުގެ ސަބްސިޑީ ދިނުމާއި ލޭބަރ އަދި ހެލްތު އިންޝުއަރެންސާއި، ދުނިޔޭގެ އިންފްލޭޝަންގެ އަސަރާއި ބައިނަލްއަގްވާމީ އިގްތިސާދީ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ކުރާ އެހެން ޚަރަދުތަކަށް ކަމަށްވެސް އެ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.

ސިނާއީ ތަރައްގީގެ ސްޓްރެޓެޖީތަކުގެ ރިވިއުއެއް ވެސް ސަރުކާރުގެ ޑިޕާޓްމަންޓްތަކުން ކުރިއަށް ގެންދާނެ ކަމަށް މިބަޔާނުގައިވެއެވެ. އޭގެތެރޭގައި "ޚާއްޞަކޮށް ސެމީކޮންޑަކްޓަރ އިންޑަސްޓްރީއާއި ދުނިޔޭގެ ސަޕްލައި ޗޭންގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް އިންޑަސްޓްރީގެ ދައުރާއި ލޭއައުޓް އެޖެސްޓްކުރުން" ހިމެނެއެވެ.

މިއީ ދުނިޔޭގެ ސަޕްލައި ޗޭންގައި ޓައިވާންގެ މުހިންމު ދައުރު ވަރުގަދަކޮށް، ސިނާއީ ތަރައްގީއާއި އިގްތިސާދީ ސަލާމަތާއި ހަމަޖެހުމުގެ ދެމެހެއްޓެނިވި ބާރު ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވެސް ޓައިވާނުގެ ރައީސް ވިދާޅުވިއެވެ.

ޓައިވާނަކީ ކާރާއި ސްމާޓްފޯނުން ފެށިގެން ފަޔަރ ޖެޓްތަކާ ހަމައަށް ބޭނުންކުރާ ސެމީކޮންޑަކްޓަރު އުފައްދާ ބޮޑު ގައުމެކެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ކޮންޓްރެކްޓް ޗިޕް އުފައްދާ ކުންފުނި ޓައިވާން ސެމީކޮންޑަކްޓަރ މެނިފެކްޗަރިން ކޯ ލިމިޓެޑް، ޓީއެސްއެމްސީ ވެސް ހުންނަނީ ޓައިވާނުގައެވެ.

ޓައިވާންގެ މަރުކަޒީ ބޭންކުން ޑިސެމްބަރު މަހުގެ ކުރީކޮޅު ވަނީ މިނިމުނު އަހަރުގެ ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ ކުރިއެރުމަށް ލަފާކުރި އަންދާޒާ %2.91 އަށް ދަށްކޮށް، ސެޕްޓެމްބަރު މަހު ކުރިން ލަފާކުރި %3.51 އަށް ވުރެ %2.91 އަށް ދަށްކޮށްފައެވެ.