ނިމިގެންދިޔަ 2022 ވަނަ އަހަރަކީ ދިމާވި އެކި ގޮންޖެހުންތަކާއެކުވެސް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވުނު އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މީލާދީ އާއަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ކުރެއްވި ޓުވީޓެއްގައެވެ.
މީލާދީ އައު އަހަރުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅުގައި ދިވެހި ރައްޔިތުންނަށް ފޮނުވައި ކުރެއްވި ޓުވީޓުގައި ވަނީ މިފެށުނު އައު އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއް ކަމުގައިވުމަށް އެދިވަޑައިގެންފައެވެ. އަދި މިއަހަރު އިތުރު ފުރުސަތުތަކެއް ތަނަވަސްވެ، ފަހި ގޮތްތަކެއް މެދުވެރިވާނެކަމުގެ އުންމީދު އޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މިފެށުނު އަހަރަކީ ހުރިހާ ރައްޔިތުންނަށް ހެޔޮ ސިއްޚަތާއި ކުރިއެރުން ލިބިގެންދާނެ އަހަރަކަށް ވުމަށް އެދިވަޑައިގެންފައެވެ.
Fazu and I wish everyone a very happy #NewYear. I’m proud of what we as Maldivians have achieved this past year in spite of the many challenges and I look forward to embrace the opportunities that the new year brings for us. I wish everyone a happy, healthy, and prosperous 2023! pic.twitter.com/vymB3GVUVI
— Ibrahim Mohamed Solih (@ibusolih) December 31, 2022
ނިމިގެންދިޔަ އަހަރަކީ ކޯވިޑް-19 އާއި އަދި ރަޝިއާއި ޔޫކްރައިން ހަނގުރާމައާއެކު ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރެއްވި އަހަރެކެވެ. މިދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމަށްޓަކާ ހިތްހަމަޖެހިވަޑައިގަންނަވާ ވަރަށް މަސައްކަތްތަކެއް ކޮށްދެވިފައިވާކަމަށެވެ.
ރައީސް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުންނާއި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށާއި، ރާއްޖޭގެ އިޤްތިޞާދަށްވެސް ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވި، ކާމިޔާބީތަކެއް ޙާޞިލުކުރެވިއްޖެކަމަށެވެ. އަދި މިގޮންޖެހުންތަކާއެކުވެސް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީއަށާއި، އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަށް ސަރުކާރުން ފާއިތުވި 4 އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި މިފެށޭ އަހަރަކީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫޢުތަކެއް ނިމި ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ އަހަރެއް ކަމުގައެވެ.