ޚަބަރު

އައު އަހަރުގެ ޝޯވއަށް އާއްމުންގެ ބޮޑު ތަރުހީބެއް


2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހަވާ އެރުވުމުގެ ހަރަކާތްތަކާއެކު "މޯލްޑިވްސް ވާއު ފެސްޓް" ގެ ނަމުގައި ކުލަ ގަދަ ހަރަކާތްތަކަކާއެކު ޝޯއެއް ބާއްވާފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިންތިޒާމުކޮށްގެން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި މި ޝޯވ ބަލާލުމަށް އާއްމުންގެ ގިނަ ބަޔަކު ހާޒިރުވިއެވެ. އާއްމުންގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ރާއްޖޭގައި ތިބޭ ބޭރުގެ ބައެއް ސަފީރުންވެސް ވަނީ މި ޝޯވް ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ.

ކުރީ އަހަރުތަކޭ އެއްގޮތަށް މި އަހަރުގެ ޝޯވއަށްވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު ޕީއެސްއެމް ނިއުސްއާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ވަނީ މިފަދަ ޝޯވއެއް ބާއްވާތީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

އައު އަހަރަށް މަރުހަބާކިޔުމައް ބޭއްވި މި ޝޯގައި ވަނީ ބޮލީވުޑްގައި އަރަމުންއަންނަ ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭގެ ރީތި ލަވަތަކެއް ހުށައަޅާފައެވެމ މީގެ އިތުރުން ލަވަކިޔުންތެރިޔާ ރާހުލް ބަޓްގެވެސް ހިއްގައިމު ލަވަތަކެއް ވަނީ ހުށަހަޅާފައެވެ.

މިޝޯގައި ރާއްޖޭގެ ފައްނާނުންގެ ހިތްގައިމު ހުށަހެޅުންތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ހަބޭސް ބޮޑުބެރު ގްރޫޕް، ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެންދިޔައެވެ. އަދި މި ޝޯވް ގެ ތެރެއިން ވަނީ އައު އަހަރުގެ ކައުންޓްޑައުން ފަށާ، ހަވާގެ އެރުވުމާއެކު 2023 ވަނަ އަހަރަށް މަރުޙަބާ ކިޔާފައެވެ.