ޚަބަރު

އެޗްޑީސީގެ މިއަހަރުގެ ސީއެސްއާރު ހަރަކާތްތައް ނިންމާލީ ފިޔަވަތި ކުދިންނާއެކު


މުޖުތަމަޢުއަށް ފައިދާ ހުރި ހަރަކާތްތަކާއި، އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން އެކުންފުނީގެ ސީ.އެސް.އާރް ނުވަތަ އާއްމު އިޖްތިމާޢީ ޒިންމާގެ ދަށުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ ތެރެއިންވެސް ކުޑަކުދިންނާ ގުޅުންހުރި ތަފާތު ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެޗް.ޑީ.ސީގެ ސީ.އެސް.އާރް ޕްރޮގްރާމްތަކުގެ ތެރެއިން އެ ކޯރޕަރޭޝަނުން ޚާއްސަ އިސްކަމެއްދޭ ދާއިރާއެކެވެ.

އެޗް.ޑީ.ސީގެ 2022 ވަނަ އަހަރުގެ ސީ.އެސް.އާރު ހަރަކާތްތަކާއި ޕްރޮގްރާމްތައް ނިންމާލުމުގެ ގޮތުން ބޭއްވި ފަހު ހަރަކާތްވެސް ފިޔަވަތީގައި އުޅޭ ކުދިންނަށް ޚާއްސަކުރި ކުރުމުން މި ދާއިރާއަށް އެޗް.ޑީ.ސީން ދޭ އަހައްމިއްޔަތުކަން ދައްކުވައިދެއެވެ.

އެގޮތުން "ފިޔަވަތި ފަންޑޭ" ގެ ނަމުގައި އެޗް.ޑީ.ސީން ވަނީ ފަރުކޮޅުފުށީގައި އަހަރީ ހަވީރެއް ކުރިއަށްގެންގޮސްފައެވެ.

މި ހަވީރުގައި ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ 90 އަށް ވުރެން ގިނަ ކުދިން ބައިވެރިވެފައިވާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި މި ހަރަކާތުގައި ބައިވެރިވި ކޮންމެ ކުއްޖަކަށްވެސް އެޗް.ޑީ.ސީން ވަނީ ޚާއްސަ ހަދިޔާއެއް ދީފައެވެ. މި ހަވީރުގައި އެޗް.ޑީ.ސީގެ އިސްވެރިންނާއި ފިޔަވަތީގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އެޗްޑީސީ އިން ފިޔަވަތީގެ ކުދިންނަށް އަހަރުގެ އެކި ދުވަސްތަކަސް ބަހާއިލައިގެން އެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ.