ޚަބަރު

އިންޑޮނޭޝިއާ އިން ޕާމް އޮއިލް ބޭރުކުރުން މަދުކުރަނީ


އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓް ކުރުމުގެ އުޞޫލުތައް ހަރުކަށިކޮށް، އެކްސްޕޯޓު ކުރާ މިންވަރު މަދުކުރަން ނިންމައިފި ކަމަށް އެ ޤައުމުގެ އޮފިޝަލުން ހުކުރު ދުވަހު ބުނެފިއެވެ.

އިންޑޮނޭޝިއާ އިން މިގޮތަށް ނިންމާފައި ވަނީ އެ ޤައުމުގެ އެތެރޭގެ ބޭނުންތަކަށް ފުދޭ ވަރަށް ޕާމް އޮއިލް ލިބެން ހުންނާނެ ގޮތް ހެދުމުގެ ގޮތުންނެވެ.

އެކްސްޕޯޓަރުންނަށް ޑޮމެސްޓިކް ސޭލްސް ވޮލިއުމްގެ 6 ގުނަ ޝިޕް ކުރުމުގެ ހުއްދަ ދޭއިރު، މިއީ މިހާރު ހުރި 8 ގުނަ ރޭޝިއޯއަށް ވުރެ މަދު އަދަދެއް ކަމަށް އޮފިޝަލުންގެ އިތުރުން ރޮއިޓާސް ނޫހުން ރިވިއުކުރި އާ ޤަވާއިދެއްގައިވެއެވެ.

މިއީ އަންނަ އަހަރުގެ ރޯދަ މަހާއި ފިތުރު އީދުގެ ދުވަސްތައް ދިމާވާ މާރިޗު އަދި އޭޕްރީލް މަހު ޕާމް އޮއިލް އަށް އޮތް ޑިމާންޑު އިތުރުވެ ކެއްކުމަށް ބޭނުންކުރާ ތެލުގެ އަގު އުފުލިދާނެތީ، އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާގެ އިސް އޮފިޝަލް ބުޑީ ސަންޓޯސޯ ވިދާޅުވިއެވެ.

ކެއްކުމަށް ބޭނުންކުރާ ތެޔޮ ލިބޭ މިންވަރާއި އަގުތަކަށް ރިއާޔަތްކޮށް، ސަރުކާރުން އެކްސްޕޯޓް ރޭޝިއޯ ވަކިވަކިން އިވެލުއޭޓް ކުރަމުން ގެންދާނެ ކަމަށް ސެޓޯ ވިދާޅުވިއެވެ. ޕާމް އޮއިލް ބޭރުކުރުން އިންޑޮނޭޝިއާ އިން މަދު ކުރުމާއެކު މެލޭޝިއާގެ ޕާމް އޮއިލް ފިއުޗާސް ހުކުރު ދުވަހު ވަނީ ޑިސެމްބަރު 1 ވަނަ ދުވަހަށް ފަހު އަގު އުފުލުނު އެންމެ މައްޗަށް އުފުލިފައެވެ. އެއީ ޓަނެއް 4،193 ރިންގިޓް ނުވަތަ 950.79 ޑޮލަރެވެ.

އިންޑޮނޭޝިއާއިން ޕާމް އޮއިލްގެ ބާވަތްތައް އެކްސްޕޯޓް ކުރުން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ތަޢާރަފް ކުރީ މި އަހަރުގެ ކުރީކޮޅެވެ. އެއީ ކައްކާ ތެލުގެ އަގު ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ކަންބޮޑުވުންތައް އުފެދިގެންނެވެ. ކެއްކުމަށް ބޭނުން ކުރާ ތެޔޮ ކުރު މުއްދަތަކަށް އިންޑޮނޭޝިއާ އިން މަނާ ކުރުމާއެކު ދުނިޔޭގެ މާކެޓުތަކަށް ގުޑުން އަރައި، ސަޕްލައި ތާށިވެދާނެކަމާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދުނެވެ.

ނަމަވެސް އެ ފިޔަވަޅާއިއެކު، ޤައުމުގެ އެތެރޭގައި މިފަދަ މުދާ ފުނިޖެހެން ވަނީ ފަށާފައެވެ. އެ ޤައުމުގައި މިހާރު އަމަލު ކުރަމުން އަންނަ ގަވާއިދުތަކުގައިވާ ގޮތުން އެކްސްޕޯޓު ކުރުމުގެ ހުއްދަ ވިޔަފާރިއަކުން ބޭނުންވާނަމަ ޤައުމުގެ އެތެރެއަށް ވަކި މިންވަރަކަށް މުދާ ވިއްކަން މަޖުބޫރުވެއެވެ.

ސަރުކާރުގެ ބަޔޯޑީސަލް ޕްރޮގްރާމާ ގުޅިގެންނާއި މި ފެށޭ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަޕްލައި ދަށްވާނޭ ކަމަށް ލަފާކޮށްފައި ވާތީ ކުކިން އޮއިލްގެ ސަޕްލައިއާ މެދު ކަންބޮޑުވުންތަކެއް އަދިވެސް ހުރި ކަމަށް އިންޑޮނީޝިއާގެ ޕާމް އޮއިލް އެސޯސިއޭޝަން ،ޖީއޭޕީކޭއައިގެ ސެކްރެޓަރީ ޖެނެރަލް އެޑީ މާޓޮނޯ މިދިޔަ ހަފުތާގައި ސަރުކާރާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެފައިވެއެވެ.