ވިޔަފާރި

މިމަހު ޕެންޝަން ފައިސާ 29000 އަށްވުރެ ގިނަ މީހުންނަށް


މި ޑިސެމްބަރ މަހު ޕެންޝަނުގެ ގޮތުގައި 136 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއްޖެއެވެ. މީގެތެރޭގައި 4 ކެޓަގަރީއަކުން ދޫކުރި ފައިސާ ހިމެނެއެވެ.

ޕެންޝަންއަކީ އެމީހަކު އުމުރުން ދުވަސްވުމުން ނުވަތަ ރިޓަޔަރވުމަށް ފަހުގައި ބޭނުންކުރުމަށް އެއްކުރާ ފައިސާއެވެ. އަދި އާމްދަނީއެއް ނުލިބޭ އުމުރުން ދުވަސްވީ މީހުންނަށް ދަޢުލަތުންދޭ ފައިސާވެސް ހިމެނެއެވެ.

މީގެތެރޭގައި ހިމެނެނީ 4 ބާވަތެއްގެ ޕެންޝަނެވެ. އެއީ ވަޒީފާއިން ރިޓަޔަރވުމުން ދޭ ޕެންޝަނާއި، 65 އަހަރުން މަތީގެ މީހުންނަށް ދޭ އަސާސީ ޕެންޝަނާއި، ދަޢުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ދަޢުލަތުންދޭ އިނާޔަތްތައް އަދި ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް އިނާޔަތްތަކެވެ.

ޕެންޝަން އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ޑިސެމްބަރ މަހުގެ ތެރޭގައި 4 ކެޓަގަރީއަކުން މުޅި ޖުމްލަ 29،542 ޕެންޝަނަރުންނަށް 136 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

ވަކިވަކި ޕެންޝަންތަކަށް ދޫކުރި ފައިސާއަށް ބަލާއިރު ޕެންޝަންގެ ގޮތުގައި އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ އަސާސީ ޕެންޝަންގެ ގޮތުގައެވެ. އެއީ 97 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މިއީ 20،594 މީހަކަށް ދޫކޮށްފައިވާ އަދަދެވެ.

ރިޓަޔަމަންޓް ޕެންޝަނަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ 1646 ޕެންޝަނަރުންނަށް ދޫކޮށްފައިވާ ފައިސާއެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތްތަކަށް 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ 4495 ޕެންޝަނަރުންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދެވެ.

ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް އިނާޔަތްތަކުގެ ގޮތުގައި 5 މިލިއަން ރުފިޔާ ވަނީ މި މުއްދަތުގައި ދޫކޮށްފައެވެ. އެއީ މުޅި ޖުމްލަ 2807 މީހަކަށެވެ.

ރިޓަޔަމަންޓް ޕެންޝަން ފިޔަވައި އެހެން ޕެންޝަނާއި އިނާޔަތްތަކަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެވޭ ޕެންޝަނާއި އިނާޔަތްތަކެއްކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. ރާއްޖޭގައި ޕެންޝަން އޮފީސް އުފައްދާފައިވަނީ، 2009 ވަނަ އަހަރު ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤު ކުރެއްވުމާ ގުޅިގެންނެވެ.