ޚަބަރު

މާލެއިން ބަނގުރަލާއެކު 3 ބިދޭސީން ހައްޔަރުކޮށްފި


ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދާ 3 މީހަކު ހައްޔަރުކޮށްފިއެވެ. މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕްރޭޝަނަކީ މާލޭގެ ގެޔެއްގައި ބަންގުރާ ކައްކާކަމުގެ މަޢުލޫމާތު ލިބިގެން ހިންގި އޮޕްރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ 20:00 ހާއިރު ހިންގި މި އޮޕަރޭޝަނުގައި 32 އަހަރުގެ ބިދޭސީ ފިރިހެނެއް ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލާ ފާސް ކުރިއިރު ބަނގުރާ ކައްކަން ގެންގުޅޭ އެއްޗެއްހުރި 5 ލީޓަރުގެ 3 ފުޅިއާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމެއެލްގެ 52 ފުޅި ފެނިފައި ވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވީ، ހަމަ އެ ރޭ ހިންގި އަނެއް އޮޕަރޭޝަނުގައި މާލެއިން 25 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައި ވަނީ 2 ބިދޭސީންނެވެ. މި ދެ މީހުންނާ ގުޅުންހުރި މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު 192 ފުޅި ބަނގުރާ އަދި 111 ދަޅު ބިޔަރު ފެނިފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަޙުޤީޤު ކުރަމުނެވެ.