ޚަބަރު

ވޯޓަރސް ލިސްޓް އާއްމުކުރީ ޕާޓީއަށް ވަންނަން އީސީއަށް ހުށައެޅި ފޯމްތަކާއެކު: އެމްޑީޕީ


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލެވޭނެ މެމްބަރުންގެ ލިސްޓު އާއްމުކޮށްފިއެވެ.

ރާއްޖޭގައި މިހާރު އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއަކީ އެމްޑީޕީއަށް ވާއިރު، އެ ޕާޓީން މީގެ ކުރިން ބަލަހައްޓަމުން ދިޔަ އަމިއްލަ ދަފްތަރުގައި 90،000 އަށް ވުރެ ގިނަ މެމްބަރުން ތިއްބެވެ. ޕާޓީން ފަހުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ދަފްތަރު ބަލައިގަތުމަށް ނިންމާފައެވެ. އެހެންވެ އެ ޕާޓީން ގާތްގަނޑަކަށް 39،000 މެމްބަރުން މަދުވިއެވެ. އެ މެމްބަރުންނަށް އަލުން ރަޖިސްޓްރީވުމަށް އަދި އެކަން ހައްލުކުރުމަށްވެސް އީސީން ފުރުސަތުދިނެވެ.

އެމްޑީޕީގެ ވޯޓާސް ލިސްޓު ރޭ އާންމުކުރި އިރު އެ ލިސްޓުގައި ހިމެނެނީ 57،714 މީހުންނެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ވިދާޅުވީ އިއްޔެގެ ނިޔަލަށް ކޮމިޝަނުން ބަލަހައްޓާ ދަފްތަރުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބީ 57،257 މީހުން ކަމަށެވެ.

އެމްޑީޕގެ ލިސްޓުގައި 400 އަށް ވުރެ ގިނަ މީހުން އިތުރުވެފައިވާތީ އެކަމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ އެ މީހުންނަކީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެމްޑީޕީއަށް ވަނުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުން ކަމަށެވެ. އަދި އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައިވާ ކަމަށާއި ކޮމިޝަނުން ފޯމުތައް ބަލައިގެންފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެމްޑީޕީއަށް ފޯމު ހުށަހަޅާ ހިސާބުން އެމީހާ އަކީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ޕާޓީން ބަލާ ކަމަށެވެ. އަދި މިހާރު އެ ފޯމުތައް ކޮމިޝަނުން ބަލައިގެންފައިވާއިރު ޕްރައިމަރީ އިންތިޚާބުގެ ކުރިން ފޯމުތައް ޕްރޮސެސްވާނެ ކަމަށް ބެލެވޭ ކަމަށާއި، ލިސްޓުގައި އެމީހުން ނުހިމަނާ ނަމަ އެމީހުންނަށް ވޯޓު ލުމުގެ ހައްގު ގެއްލޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބް ޕިއެސްއެމްނިއުސްއަށް މައުލޫމާތުދެމުން ވިދާޅުވީ، ޕާޓީތަކުން ފޯމު ހުށަހަޅާއިރު އިދާރީ ކަންކަން ފުރިހަމަވާ ނަމަ އަބަދުވެސް ކޮމިޝަނުން ފޯމު ބަލައިގަންނާނެ ކަމަށެވެ. އެކަމަކު ޝަކުވާ މުއްދަތު ހުޅުވާލަނީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމާއި، އެހެނިހެން ކަންކަން ބެލުމަށްކަމަށް ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ހުށަހެޅި ބައެއް ފޯމުތަކުގެ ޝަކުވާ މުއްދަތު އަންނަ މަހު 2 ގައި ހަމަވާއިރު، ބައެއް ފޯމުތަކުގެ މުއްދަތު އަންނަ މަހު 9 އަކަށްވެސް ހަމަވާ ކަމަށެވެ. އެހެންވެ އެ ފޯމުތައް ސައްހަކަން ކަށަވަރުކޮށް ރަޖިސްޓްރީގައި ހިމެނޭނީ އޭގެ ފަހުންކަން ހަބީބު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބު އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ އިރު ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.