ޚަބަރު

37 އަހަރުގެ ޚިދުމަތަށްފަހު ޙަރިއްޔާ ދައުލަތުގެ މީޑިއާއިން ރިޓަޔަރކުރައްވައިފި


ދައުލަތުގެ މީޑިއާއަށް 37 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރެއްވުމަށްފަހު، ޙަރިއްޔާ ޢަލީ ރިޓަޔަރކުރައްވައިފިއެވެ. ދައުލަތުގެ މީޑިއާއަށް ޚިދުމަތް ކުރެއްވި 37 އަހަރާއެކު މުޅި ޖުމްލަ 39 އަހަރަށްވުރެ ދިގު މުއްދަތަކަށް ޙަރިއްޔާ ޢަލީ ވަނީ ދަޢުލަތަށް ޚިދުމަތްކޮށްދެއްވާފައެވެ.

މަޖީދިއްޔާ ސްކޫލްގެ ޓައިޕިސްޓެއްގެ ވަޒީފާއިން ސަރުކާރުގެ ޚިދުމަތަށް ޙަރިއްޔާ ޢަލީ ނުކުމެވަޑައިގެންނެވީ 4 ޑިސެންބަރު 1983 ގައެވެ. އޭގެ ދެ އަހަރުފަހުން ދެން ގުޅިވަޑައިގަތީ ޓެލެވިޜަން މޯލްޑިވްސްއާއެވެ. 39 އަހަރު ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު ޙަރިއްޔާ ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖްމަންޓުން ވަނީ އެކަން ފާހަގަކޮށް ޚާއްސަ ޙަފްލާއެއް ބާއްވާފައެވެ. މި ޙަފްލާގައި ޙަރިއްޔާގެ ޚިދުމަތުގެ އަގު ވަޒަންކޮށް ޕީ.އެސް.އެމްގެ މެނޭޖްމަންޓުގެ ފަރާތުން ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ފިލާ ހަރިއްޔާއަށް އެރުވީ ޕީ.އެސް.އެމްގެ ޗެއަރމަން އިބްރާހީމް ޙިލްމީއެވެ.

މި ޙަފްލާގައި ޕީއެސްއެމްގެ ޗެއަރމަން އިބްރާހިމް ޙިލްމީ ވިދާޅުވީ ދިގު ތާރީޚެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވިއިރު މަސައްކަތުގެ އަޚްލާޤު ޙަރިއްޔާ ހިފެހެއްޓި ހިފެހެއްޓުމަކީ މިއަދުގެ މުވައްޒަފުންނާއި ކުރިއަށް އޮތްތަނުގައި މަސައްކަތުގައި ބައިވެރިވާންތިބި މުވައްޒަފުންވެސް ބަލައިގަންނަންޖެހޭ ފިލާވަޅެއްކަމަށެވެ. އަދި ޕީ.އެސް.އެމްގެ މުވައްޒަފުންނަކީ ކުންފުންޏާމެދު އަބަދުވެސް ޚާއްސަ ގާތްކަމެއް ބަހައްޓާ ބައެއްކަން ޗެއަރމަން ފާހަގަކުރެއްވިއެވެ.

"މިހާރުވެސް މިކުންފުންޏަކީ ރާއްޖޭގެ ކުންފުނިތަކަށް ބަލާއިރު، އެންމެ ދިގު މުއްދަތަކަށް މުވައްޒަފުން މަސައްކަތް ކުރާ އެއް ކުންފުނި. 40 އަހަރު، 30 އަހަރު، 35 އަހަރު މަސައްކަތްކޮށްފަ ތިބި މީހުން ކުންފުނީގެ އެވްރެޖްކޮށް ޓޮޕް ލެވެލްގައި ތިބީ. ޙަޤީޤަތަކީ ކުންފުނީގެ މުވައްޒަފުން މިކުންފުނި ދެކެ ވަރަށް ލޯބިވާކަން" ޙިލްމީ ވިދާޅުވިއެވެ.

ޙަރިއްޔާ އެންމެ ފަހުން މަސައްކަތް ކުރެއްވި ޑިޕާޓްމަންޓްގެ ހެޑް، ޕީ.އެސް.އެމްގެ ޑިރެކްޓަރ ރިސޯސް މޮބިލައިޒޭޝަން އިބްރާހިމް ރަޝީދު ވިދާޅުވީ، ޙަރިއްޔާއަކީ މަސައްކަތަށް ފަރުވާތެރި މުވައްޒަފެއްގެ އިތުރުން އެހެން މީހުންނަށް އެހީތެރިވުމުގައިވެސް ނަމޫނާ ބޭފުޅެއްކަމަށެވެ.

"ޙަރިއްޔާ އަޅުގަނޑާއެކު މަސައްކަތް ކުރެއްވި އިރު ދެއްވި ނަސޭޙަތެއް އަބަދުވެސް ހަނދާންހުރޭ، އަދި އަބަދުވެސް ހަނދާނުގައި ބަހައްޓަން ބޭނުންވާ މުހިއްމު ނަސޭޙަތެއް އޮވޭ. އޮފީހުގައި މަސައްކަތް ކުރުމުގެ ތެރޭގައި އެއްދުވަހު ގޮވާ ގާތަށް ގެނެސް، މިހަރު ތިއުޅެވެނީ އެންމެ ރަނގަޅަށް ނޫންކަމަށާއި، ކުރިއެކޭ އެއްގޮތަށް ނަމާދު ގަޑިއަށް ކުރުމަށް ނަސޭޙަތްތެރިވި" އިބްރާހިމް ރަޝީދު ހިއްސާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙަރިއްޔާ ޢަލީ ވިދާޅުވީ، މަސައްކަތަށް ނުކުންނެވި ހުރިހާ ދުވަހެއްގައިވެސް އަބަދުވެސް ވިސްނުން ބެހެއްޓީ ކުރަން ޙަވާލުކުރާ މަސައްކަތްތައް ވީއެންމެ ފުރިހަމައަކަށް އަދާކުރެވޭތޯކަމަށެވެ. އަދި ކުންފުނީގައި ހޭދަކުރި ކޮންމެ ދުވަހަކުވެސް މުވައްޒަފުންނާއި، މެނޭޖްމަންޓުގެ ފަރާތުން ބެހެއްޓި ގާތްކަމާއި، އެކުވެރިކަމަށް ހަރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

"އޮފީހަށް ވަރަށް ތެދުވެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރެވޭތޯ މަސައްކަތް ކުރަން. އޮފީސް މުވައްޒަފުންގެ ފަރާތުން ބޭއްވި ގާތްކަމާއި އޯގާތެރިކަމަށްޓަކައި ޝުކުރުއަދާކުރަން." ހަރިއްޔާ ވިދާޅުވިއެވެ.

ޙަރިއްޔާ ޢަލީ ދަޢުލަތުގެ މީޑިއާއަށް ޚިދުމަތްކުރެއްވި މުއްދަތުގައި އަދާކުރެއްވި ވަޒީފާގެ ތެރޭގައި ޓެލެވިޜަން މޯލްޑިވްސްގެ ޓައިޕިސްޓެއްގެ ވަޒިފާ، އެސިސްޓެންޓް ސެކްރެޓަރީގެ ވަޒީފާ، އެސިސްޓެންޓް އެޑްމިނިސްޓްރޭޝަން އޮފިސަރގެ ވަޒީފާ، އެސިސްޓެންޓް ފްރަންޓް އޮފިސަރ ވަޒީފާ ހިމެނެއެވެ. ރިޓަޔަރ ކުރެއްވިއިރު ޙަރިއްޔާ މަސައްކަތް ކުރައްވަމުން ގެންދެވީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ރިސޯސް މޮބިލައިޒޭޝަން ޑިޕާޓްމަންޓުގައި ޓެކްނިކަލް އިކުއިޕްމަންޓް ޑިސްޕެޗް އޮފިސަރެއްގެ ގޮތުގައެވެ.

ޙަރިއްޔާ އަލީ ދައުލަތުގެ މީޑިއާގައި ކުރެއްވި މަސައްކަތުގެ ތެރޭގައި އޮފީހުން ޓައިޕްކުރަންޖެހޭ ތަކެތި ޓައިޕްކުރުމާއި، އޮފީހަށް ލިބޭ ސިޓީއާއި ތަކެތި އެންޓްރީކޮށް ހަވާލުކުރަންޖެހޭ ޑިޕާރޓްމަންޓްތަކަށް ޙަވާލުކުރުމާއި، ފައިލް ކުރަންޖެހޭ ސިޓީއާއި ތަކެތި ފައިލްކުރުމާއި، އެކި އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ފޮނުވުމާއި، އޮފީހުގެ ކޯލް ސެންޓަރަށް ލިބޭ ފޯނު ކޯލްތަކަށް އެޓެންޑެންޓްވެ، ރިޕޯރޓްހެދުމާއި، އޮފީހުގެ ޝޫޓިންގތަކަށް ދާ މުވައްޒަފުންނަށް ބޭނުންވާ އިކުއިޕްމަންޓް ދޫކުރުމުގެ މަސައްކަތްކޮށްފައިވެއެވެ.

ދައުލަތުގެ މީޑިއާއާއި ގުޅުނު ހިސާބުންފެށިގެންވެސް ޙަރިއްޔާ ޢަލީ ފާހަގަކުރެވިފައިވަނީ އޮފީހަށް ޙާޟިރުވުމުގައި ގަޑިނުޖެހި ޙާޟިރުނުވާ ދުވަހެއް ނެތި އިޚްލާސްތެރި ކަމާއެކު އޮފީހުން ޙަވާލުކުރެވޭ ކޮންމެ މަސައްކަތެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ޙަރިއްޔާ ޢަލީއަށް 2021 ވަނަ އަހަރު ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ.