ޚަބަރު

ދިވެހިރާއްޖޭގެ އަޑު - ދެގޮތެއް ނުވެ، ދިވެހިންގެ ޚިދުމަތުގައި 60 އަހަރު


ދިވެހިންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ޒަމާނުއްސުރެ ގުނަމުން އަންނަ އެއްބައިވެރިޔަކީ ދިވެހި ރާއްޖޭގެ އަޑެވެ. ދިވެހިންނާއެކު ދެގޮތެއްނުވި ގުޅުމެއް ފެށިތާ މިއަދަށް މިފުރުނީ 60 އަހަރެވެ. ބަދަލެއް ނައިސް އަދިވެސް އަންނަނީ ޚިދުމަތް ދެމުންނެވެ.

އެންމެ ފުރަތަމަ ބްރޯޑްކާސްޓިންގ ދާއިރާއަށް ރާއްޖެ ވަދެގެންއައީ 1962 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ޓްރާންސްމިޝަނުންނެވެ. އެންމެ ފުރަތަމަ އެންމެ 4 މިނިޓު 2 ސިކުންތަށް މިޚިދުމަތް ފަށާފައިވަނީ އެދުވަހުގެ މެންދުރު 2 ޖެހިއިރުއެވެ.

އަޑުގެ ޚިދުމަތް ފުރަތަމަ ދޭން ފެށީ މާލޭ ރޭޑިއޯގެ ނަމުގައެވެ. އާދައިގެ ކުޑަ ރޭޑިއޯ ޓެލެފޯން ސެޓެއް ޓްރާންސްމީޓަރެއްގެ ގޮތުގައި ބޭނުންކޮށް ފެށި ޚިދުމަތް، ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތުން 1965 ވަނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި 16 ގަޑިއިރު ޚިދުމަތްދޭން ފެށިއެވެ. މިފެންވަރަށް މަސައްކަތްދިޔައީ އިތުރު 3 ޓްރާންސްމީޓަރު މެދުވެރިކޮށެވެ.

އެކި ދުވަސްވަރު އެކި ނަންނަމުގައި ދެމުންއައި ދިވެހިންގެ އެންމެ ގާތް އެކުވެރި ރޭޑިއޯގެ ނަން ދިވެހިރާއްޖޭގެ އަޑަށް ބަދަލުކޮށްފައިވަނީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ޚިދުމަތް މުޅި ރާއްޖެއަށް ނުލިބުނުނަމަވެސް ޚިދުމަތް ފުޅާކުރުމަށް ކުރަމުން އައި އެކި މަސައްކަތްތަކުގެ ދަށުން ދިވެހިރާއްޖޭގެ އަޑު މުޅި ރާއްޖެއަށް ލިބެން ފެށީ 1981 ވަނަ އަހަރުއެވެ. އަދި 24 ގަޑިއިރު ޚިދުމަތުގައި ދިވެހިރާއްޖޭގެ އަޑު ފޯރުކޮށްދޭން ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ.

ޢާއްމު އިޖުތިމާޢީ ކަންކަމާއި ގުޅޭ މަޢުލޫމާތު މުއްސަނދި ޕްރޮގްރާމްތަކާއި، ޚަބަރާއި މުނިފޫހިފިލުވުމުގެ އެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގެ އަޑުން ވަނީ މިދިޔަ ދިގު ތާރީޚުގެ ތެރޭގައި ގެނެސްދީފައެވެ. ޓެކްނޮލޮޖީގެ ގޮތުން ވަރަށް ގިނަ ވަޞީލަތްތައް ނިކުންނަމުން ދިޔަނަމަވެސް ރޭޑިއޯއަށް ދިވެހިންގެ ހިތްތަކުގައި ދެވިފައިވާ މަޤާމަކަށް ބަދަލެއް އައުމެއް ނެތެވެ.

އަޑުގެ އުފެދުމަށްފަހު ރާއްޖޭގެ ތާރީޚުގައި ހިނގި ހުރިހާ ބޮޑެތި ކަންކަމުގައި ދިވެހިރާއްޖޭގެ އަޑުން ވަނީ ޚާއްސަ ދައުރެއް އަދާކޮށްފައެވެ. މިގޮތުންވެސް އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވީ ސުނާމީ ކާރިސާގައި މުޅި ރާއްޖެއިން މުވާސަލާތީ ޚިދުމަތް މެދުކެނޑިގެން ދިޔަ ޙާލަތުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޚިދުމަތް އަލުން ފަށާ، ޢާއްމުން ހޭލުންތެރިކުރުވުމާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވަގުތީ އެހީފޮނުވުމަށް ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުގައި މުވާސަލާތީ ގޮތުން އަޑުގެ ސެޓު މެދުވެރިކޮށް ވަނީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދީފައެވެ.

ދިވެހިރާއްޖޭގެ އަޑަށް 60 އަހަރު ފުރުމާއި ގުޅިގެން އަޑުގެ ހުރިހާ ޕްރޮގްރާމެއް ވަނީ ދުވަހާއި ގުޅުވާފައެވެ.

ދުވަހާއި ގުޅޭ ޚާއްސަ ޕްރޮގްރާމްތައް މިއަދުގެ ހެނދުނު 6 އިން ފެށިގެން ރޭގަނޑު 12 ޖެހުމާއި ހަމައަށް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުކުރު ދުވަހުގެ ރޭ އަޑުގެ ޕްރޮޑަކްޝަން ޓީމަކާއި ޕީއެސްއެމްގެ އެހެން ޑިޕާޓްމަންޓުތައް ހިމެނޭހެން އެކުލަވާލާފައިވާ ޓީމަކުން ހޭންޑްބޯލް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަޑުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާ ފަހުގެ ތާރީޚެއްގައި ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް ޕީއެސްއެމްއިން ވިދާޅުވެއެވެ.

ޒަމާންބަދަލުވެ، މުއާސަލާތީ އައު އީޖާދުތައް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފުވިއެއްކަމަކު، ގޭތެރެ ފަޅު ފިލުވައިދިނުމުގައި ދިވެހިރާއްޖޭގެ އަޑަކީ އަދިވެސް ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ. ދީނީ މަޢުލޫމާތާއި، ޚަބަރާއި ތަޢުލީމު އުނގަންނައިދިނުމާއި، ޢާންމުން ހޭލުންތެރިކުރުވުމާއި، ކުޅިވަރާއި މުނިފޫހިފިލުވުން ފަދަ ރޮނގު ރޮނގުން ދިވެހިރާއްޖޭގެ އަޑުން އަންނަނީ ޤައުމަށް ޚިދުމަތްކުރައްވަމުންނެވެ.

ޤައުމަށް ދިމާވި އެކި ކާރިސާތަކުގައި ދިވެހިރާއްޖޭގެ އަޑު ވެފައިވަނީ ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުހިއްމު ބައިވެރިއަކަށެވެ. ދިވެހިރާއްޖޭގެ އަޑުގެ އަމާޒަކީ ދިވެހި ރައްޔިތުންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ޚިދުމަތުގައި ދެމިތިބުމެވެ. އެގޮތުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ވޭތުވެދިޔަ 60 އަހަރު ތެރޭގައި އަޑުންވަނީ ސާބިތުކޮށްދީފައެވެ.