ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތަށް ޖޮކޮވިޗް އެ ގައުމަށް ހިނގައްޖެ


ސީޒަންގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމަށްޓަކައި ސާބިއާގެ ނޯވަކް ޖޯކޮވިޗް އޮސްޓްރޭލިއާއަށް ހިނގައްޖެއެވެ.

އޭނާ އޮސްޓްރޭލިއާއަށް ދަތުރުކޮށްފައިމިވަނީ ކޯވިޑް ވެކްސީންގެ މައްސަލައިގާ އޭނާ އެޤައުމުން ޑީޕޯޓް ކޮށްލިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ. އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ޖޯކޮވިޗް އޮސްޓްރޭލިއަށް ގޮސްފައިވާކަން ޔަގީންކޮށްދީފައެވެ.

ޖޯކޮވިޗްއަށް އޮސްޓްރޭލިއާއަށް މިފަހަރު މިދެވުނީ ތިން އަހަރު ވަންދެން އެ ޤައުމަށް އެތެރެ ނުވެވޭނެކަމަށް އޮތް އޮތުން މިދިޔަ މަހު އޮސްޓްރޭލިއާގެ ސައުކާރުން އަނބުރާ ގެންދިއުމާއި ގުޅިގެންނެވެ. މިއަހަރުގެ ޖެނުއަރީގައި ޖޯކޮވިޗް އޮސްޓްރޭލިއާއަށް ދިޔައިރަކީ ކޮރޯނާ ވައިރަހުގެ އަސަރު ވަރަށް ބޮޑަށް ފެތުރިފައިވި ދުވަސްވަރެއް ކަމުން އޮސްޓްރޭލިއާގެ ގަވައިދު ބުނާގޮތުން އޭރު އެޤައުމަށް އެތެރެވާ ބޭރު ޤައުމުތަކުގެ ރައްޔިތުން ވެކްސިން ޖަހާފައިވުން އެއީ މަޖްބޫރު މާއްދާއެކެވެ.

އެކަމަށް އިސްތިސްނާ ވެވެނީ ސިއްހީ ހާލަތަށް ބެލުމަށްފަހު ޤަބޫލް ކުރެވޭ އުޒުރެއް އޮވެއްޖަ ނަމަ އެކަންޏެވެ. މިގޮތުން ޖޯކޮވިޗް ސިއްހީ އުޒުރު ދެއްކި ނަމަވެސް އެކަން އޮސްޓްރޭލިއާއިން އެންމެ ފުރަތަމަ ބަލައިގަތުމށްފަހު އެކަން އަނބުރާ ގެންގޮސް އޭނާ ޤައުމުން ބޭރުކުރަން ނިންމިއެވެ.

ޓެނިސް އޮސްޓްރޭލިއާގެ ޗީފް އެގްޒެކެޓިވް ކްރެއިގް ޓިލޭ ހާމަކުރިގޮތުގައި އަނެއްކާވެސް މިފަހަރުގެ މުބާރާތުގައި އެހެން ކުޅުންތެރިން ބަލިކުރަން ނުކުންނަންޖެހޭ ކުޅުންތެރިއަކަށް ޖޯކޮވިޗް ވެގެންދާނެކަމަށެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި ކުޅޭ އޮސްޓްރޭލިއަން އޯޕަންގެ މިފަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީމަހުގެ 16 ވަނަ ދުވަހުއެވެ.