ޚަބަރު

ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ޤާނޫނުގައި އޮތް މާއްދާ އިސްލާހުކުރަނީ


ކުނި މެނޭޖުކުރުމާއި ބެހޭ ޤާނޫނުގައި، ރާއްޖެއަށް ކުނި އެތެރެކުރެވޭގޮތަށް އޮތް އޮތުން، ބަދަލުކުރުމަށް ހުށައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


ރާއްޖޭގައި ކުނި މެނޭޖުކުރުމަށް ފުރަތަމަ ފަހަރަށް ޤާނޫނެއް ތަސްދީޤްކުރެއްވީ، މިމަހުގެ 18ވަނަ ދުވަހުއެވެ. ކުނި އުފެދުން މަދުކުރުމާއި، ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލުމާއި، ކުނީގެ މައްސަލައިގައި މުވައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގިނަ މާއްދާތަކެއް ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ޤާނޫނުގައި ހިމަނާފައެވެ.

މި ޤާނޫނު ފާސްވެގެން އައިއިރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މާއްދާއަކީ، މަޝްރޫޢުތައް ހިންގުމުގެ ބޭނުމަށް ރާއްޖެއަށް ކުނި އެތެރެކުރެވޭގޮތަށް އޮތް މާއްދާއެވެ. މި މާއްދާގައި ބުނެފައިވަނީ، ކުނިން ހަކަތަ އުފެއްދުންފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް، ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ދެވޭނެކަމަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންސަރު ވިދާޅުވީ، ޤާނޫނުގައި މި މާއްދާ އޮތުމުން މިނިސްޓްރީންވެސް ކަންބޮޑުވާކަމަށެވެ. އަދި މިއީ ރައްޔިތުންގެ ކަންބޮޑުވުންވެސް ވަރަށް ބޮޑަށް އޮތް މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ކުނި އެތެރެކުރެވޭނެކަމަށް ޤާނޫނުގައި އޮތަސް މިނިސްޓްރީން އެކަންކުރުމުގެ ވިސްނުމެއް ނެތްކަމަށްވެސް އަންސަރު ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތެއް ކުރެވެން އަންނަނީ، އެކަމާއި ގުޅޭ އެންމެހާ އުސޫލުތަކާއި ގަވައިދުތައް އެކުލަވާލައިގެންކަން ފާހަގަކޮށް އަންސަރް ވިދާޅުވީ އެ ޤަވާއިދުތައް މިނިސްޓްރީން ނުހަދާނެކަމަށެވެ.

"އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް ނެތް، ރާއްޖޭއަށް ކުނި އެތެރެކުރެވޭނެ އެންވެސް މަސައްކަތެއް ކުރަން. މި މާއްދާ އިސްލާހުކުރުމަށް ހުށައެޅުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން ދަނީ." އަންސަރް ވިދާޅުވިއެވެ.

އެންވަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު މުރުތަޒާ ވިދާޅުވީ ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތް، ރާއްޖެއަށް ކުނި އެތެރެކޮށްގެން ކުރަންޖެހޭހާ ބޮޑު ސްކޭލެއްގައި ކުރިއަށް ނުގެންދެވޭނަކަމަށެވެ. އަދި މިހާރު ތިލަފުށީގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ، "ވޭސްޓް ޓު އެނަރޖީ" މަޝްރޫޢުއަކީވެސް ތިލަފުއްޓަށް ޖަމާކުރާ ކުނީގެ މިންވަރަށް ބަލައިގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

މުރުތަޒާ ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި މާލެ ސަރަޙައްދުގައި ކުނި އުފައްދާ، އުކާލާ ކުނީގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.

"2017ވަނަ އަހަރުގެ ދިރާސާއަކުން ދެއްކި ގޮތުގައި ދުވާލަކު 500ޓަނުގެ ކުނި ތިލަފުއްޓަށް ގެންދޭ. މި ނޮވެމްބަރު މަހު އެ އަދަދު ހުރީ 975ގައި. ގާތްގަނޑަކަށް 100% އިތުރުވެއްޖެ. ރާއްޖޭގައި އުފައްދާ ކުނި ރަނގަޅަށް މެނޭޖް ނުކުރެވޭއިރު، ކުނި އެތެރެކުރަންވީ ސަބަބެއް ނެތް." މުރުތަޒާ ވިދާޅުވިއެވެ.

ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އުކާލާ ކުނީގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އަންދާޒާކުރެއެވެ.

ކުންޏާބެހޭ އާ ޤާނޫނު ވުޖޫދުވެގެން އަންނައިރު، އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ ކުނި އުފެދޭ މިންވަރު މަދުކޮށް، އަލުން ބޭނުންކުރުން ނުވަތަ ރިސައިކަލް ކުރުމަށް އަހުލުވެރި މުޖުތަމަޢުއެއް ބިނާކުރުމެވެ. އަދި ކުނި އެންދުން ވީހާވެސް ބޮޑަށް މަދުކޮށް، ރައްކާތެރި ގޮތްތަކަށް ކުނި ނައްތާލުމަކީވެސް ކުނި މެނޭޖްކުރުމާއިބެހޭ ޤާނޫނުގެ މަޤްޞަދެކެވެ.