ޚަބަރު

މިއަދުން ފެށިގެން މާލެ ސިޓީ ސާފުކޮށް، ބެލެހެއްޓުން ސިޓީ ކައުންސިލަށް


މިއަދުން ފެށިގެން މާލެ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެދަށަށް ބަދަލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލާއި ވެމްކޯއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ވޭތުވެދިޔަ 5 އަހަރު މާލެ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލަހައްޓަމުން އައީ ވެމްކޯއިންނެވެ.

މާލެ ސިޓީ ކައުންސިލުން ވެމްކޯއާއިއެކު ހަދާފައިވާ 5 އަހަރުގެ އެއްބަސްވުމުގެ މުއްދަތު، މިމަހުގެ 25ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. އަދި މި އެއްބަސްވުން އިތުރަށް އާ ނުކުރުމަށް ސިޓީ ކައުންސިލުން ނިންމާ، އެ މަސައްކަތް ސީދާ ކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާގޮތަށް ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ވެމްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާލެ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމާއި ގުޅޭ އެއްވެސް މަސައްކަތެއް ދެން ވެމްކޯގެ ބެލުމުގެ ދަށުން ކުރިއަށް ނުގެންދާނެކަމަށެވެ.

ކުރިން އެކުލަވާލި އެއްބަސްވުމުގެ ދަށުން ވެމްކޯއިން ވަނީ މާލެ ސިޓީ އަދި ވިލިމާލޭގެ މަގުތަކާއި، ޕާކުތަކާއި، އަދި އާއްމު ތަންތަން ސާފުކޮށް، ކުނި ނަގާ، އެ ކުނި އުކާލާ، ކުނި ނައްތާލުމުގެ ޚިދުމަތް ދީފައެވެ.

މި މަސައްކަތާއި ސިޓީ ކައުންސިލުން ހަވާލުވުމާއި ގުޅިގެން، މާލެ އަދި ވިލިމާލޭގެ މަގުތަކާއި ގޯޅިތައް، ޕާކުތައް އަދި މައިޒާންތައް ސާފުކުރުމުގެ ހުރިހާ މަސައްކަތްތައް ދެން ކުރިއަށްގެންދާނީ ސިޓީ ކައުންސިލުންނެވެ. އަދި މާމޭގެ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ކުނި ނެގުމާއި ކުނި އުކާނީވެސް ސިޓީ ކައުންސިލުންނެވެ. މާލޭގެ މަގުތައް ސާފު ކޮށް ބެލެހެޓުމާއި ސިޓީ ކައުންސިލުން ހަވާލުވުމާއެކު، މާލޭގެ މަގުތަކާއި ގޯޅިތަކުގައި ގަވައިދާ ޚިލާފަށް ނެރެ ޖަމާކޮށްފައި ހުންނަ ކުނިބުނިވެސް ދެން ނަގަމުން ދާނީ ސިޓީ ކައުންސިލުންނެވެ.

މާލެތެރެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި ވެމްކޯގެ 178 މުވައްޒަފަކު ވަނީ ހަރަކާތްތެރިވެފައެވެ. އަދި ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ %90އަށްވުރެ ގިނަ މީހުންނަކީ އަންހެނުންނެވެ.

ވެމްކޯއާއެކު ހަދާފައިވާ، ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ އެއްބަސްވުން އާ ނުކުރުމަށް ނިންމާފައިވާ ސަބަބެއްގެ ގޮތުގައި ސިޓީ ކައުންސިލުން ބުނެފައިވަނީ، އެ މަސައްކަތަށް ކޮންމެ މަހަކު ކައުންސިލުން ކުރާ ހޭދަ ބޮޑުވުމެވެ.

މަސައްކަތް ކުރުމަށް ކައުންސިލުން ކޮންމެ މަހަކު ވެމްކޯއަށް 2.5 މިލިއަން ރުފިޔާ ޚަރަދުކުރާކަމަށާއި މިމަސައްކަތް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންކުރާނަމަ މިމަސައްކަތް 1.5 މިލިއަން ރުފިޔާއަށް ކުރެވޭނެކަމަށް ސިޓީ ކައުންސިލުން މީގެކުރިން ވަނީ ބުނެފައެވެ.