ސުނާމީގެ އެބިރުވެރި އަދި ހިތާމަވެރި ޙާލަތު ބަދަލުކޮށްލާ، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެޙާލަތުން އަރައިގަތުމަށް ކޮޅުފުށީ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ އޯގާވެރިކަމާއި ހިތްވަރުގެ ތަފާތު ނަމޫނާއެއްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ވަނީ ސުނާމީގައި ކޮޅުފުށީ ރައްޔިތުން ކުރި ހިތްދަތި ތަޖުރިބާއަށް އަލިއަޅުއްވާލައްވާފައެވެ. ސުނާމީގައި ރާއްޖޭގައި އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި އެއްރަށަކީ މ. ކޮޅުފުއްޓެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައިވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ، އެބިރުވެރި ދުވަހު ކޮޅުފުށީ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ކަނޑަށް ދަމައިގަތްކަމަށާއި، ދެވަނައަށް އެރި ރާޅާއެކު އޭގެތެރެއިން ގިނަ ބަޔަކު އަނބުރާ ރަށަށް އެތެރެވިކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.
އެދުވަހުގެ ހަނދާންތައް އައުކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކޮޅުފުށީގައި އެދުވަހުގެ ބިރުވެރި މަންޒަރަށްފަހު ވަގުތުކޮޅެއްގެ ތެރޭގައި މަރުވެފައިވާ މައްޔިތުން ވަޅުލުމަށާއި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ރަށުގެ ކުދިބޮޑު އެންމެ ގުޅިގެން ފެށީ ކަށިން ހިތްވަރު ނެރެގެންކަމަށެވެ.
"ހަމަ ނޭވާއެއް ލެވުނުއިރު މައިންބަފައިންނާއި އަނބިދަރިންގެ ތެރެއިންނާއި ގާތްތިމާގެ އެތައް ބަޔަކު އަޅުގަނޑުމެންނާއި އަބަދަށް ވަކިވެގެންދިޔަ. ކައްކާނެގޮތެއް، ލާނެ ހިކި ހެދުމެއް، ވަންނާނެ ގެދޮރެއް، ފައި ޖައްސާނެ ހިކިފަސްކޮޅެއް ނެތް ޙާލު، އެންމެންނަށް ޖެހުނީ ރަށުގެ ބަނދަރަށް ނިކުންނަން. ތުއްތު ކުދިންޖެހުނީ ފަޅު ދޯނީގައި ނިންދަވަން. ދުވަހުގެ އިރުއޮއްސިގެން ދިޔައީ ކަޅު އަނދިރިއާއި ނާމާންކަމުގެ ޖަންގައްޔެެއްގެ ތެރޭގައި." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސުނާމީގައި އެންމެ ބޮޑު އެއް ގެއްލުމަކަށްވީ ޢާއްމުންގެ ގެދޮރު ސުންނާފަތިވެ ލިބުނު ގެއްލުންކަމަށާއި އެކަމުން އަރައިގަތުމަށް މިއަދުވެސް ކޮޅުފުއްޓަށް އެކަނި ބަލާއިރުވެސް ބޯހިޔާވަހިކަމުގެ އިތުރު ފުރުޞަތުތަކެއް ބޭނުންވާކަމަށެވެ. އަދި ރައްޔިތެއްގެ ޙާލަތު ބަދަލުކުރުމަށް ވަޒީފާގެ ފުރުޞަތުވެސް ފަހިވާންޖެހޭކަމަށާއި، ކައިރީގައި ހުރި ފަޅުރަށްތައް ތަރައްޤީވެގެން ދިޔުމަކީ ކޮޅުފުށީ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ސުނާމީގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ވޭތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް މަސައްކަތްކޮށްފައިވާކަން ޤަބޫލުކުރަން. އެކަމަށްޓަކައި ޝުކުރުއަދާކޮށް ކޮށްދެއްވި ހެޔޮކަންކަމަށް ހެދޮދުޢާވެސް ކުރަން. އެހެންނަމަވެސް ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކަކުން ކުރި މަސައްކަތަށްވުރެ މި 4 އަހަރުތެރޭގައި ކުރެވުނު މަސައްކަތް ނުބައްދަލު." މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވަނީ އެދުވަހުގެ ކާރިސާގައި ނިޔާވި މީހުންނާއި، ގެއްލުނު މީހުންގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެނެސްފައެވެ. އަދި ކޮޅުފުށީ ރައްޔިތުންގެ ފަރާތުން ސުނާމީ ބިނާއާގުޅޭ ހަނދާނީ ރަމްޒެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަނީ އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މ.ކޮޅުފުށި ސުނާމީ ބިނާ ހުޅުއްވައިދެއްވުން. pic.twitter.com/L49udbwwyF
— Home Ministry, MV (@HomeMinistrymv) December 26, 2022
ސުނާމީގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުމާއި އެދުވަހުގެ ބިރުވެރިކަމުން އަރައިގަތުމަށް ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ހަނދާން އައުކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. 2004 ވަނަ އަހަރު ކުރިމަތިވީ ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހުން ނިޔާވެ އެތައް ބަޔަކުވަނީ ގެއްލިފައެވެ.