ރާއްޖޭގެ އަންހެނުންގެ ތެރޭގައި އެކިއެކި ދާއިރާތަކުން ކުރިއަރަމުން އަންނަ އަންހެނުން ގިނައެވެ. ވަކިން ހާއްސަކޮށް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ގިނައެވެ. ވިޔަފާރީގެ ދާއިރާގައި ބައެއް އަންހެނުން އަންނަނީ ފިރިހެނުންނާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރަމުންނެވެ.
ބ.އަތޮޅުގައި އޮންނަ ފަޅުރަށެއްކަމަށްވާ އަންހެނުންފުށި މީގެ 14 އަހަރު ކުރިން ކުއްޔަށް ނަގައިގެން ދަނޑުވެރިކަން ކުރަމުންދިޔަ އއ ތޮއްޑޫއަށް އުފަން ގަމީރާ އާދަމްއަކީ މިފަދަ މިސާލެކެވެ. އޭނާވަނީ ފަޅުރަށެއްގައި ދަނޑުވެރިކަންކޮށް އެވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާފައެވެ. ގަމީރާ އޭނާގެ ދަނޑުވެރިކަން ފުޅާކުރީ ބިދޭސީންތަކެއް ގޮވައިގެން ދަނޑު ހައްދައިގެންނެވެ. އަދި އެވިޔަފާރި ކުރިއެރުވުމުގައި އޭނާގެ 7 ކުދިންގެ ދައުރުވެސް ބޮޑެވެ. އެއީ ހައްދާ ތަކެތި މާކެޓް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެކުދިންނެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއާ ރާއްޖެއިން ބޭރުން އެތައް އެވޯޑެއް ހޯދާފައިވާ ގަމީރާ މިވަނީ އެރަށް ދޫކޮށް އުފަން ރަށަށް ބަދަލުވެފައެވެ. މީގެ ހަތަރުވަރަކަށް އަހަރު ކުރިން ގަމީރާއާ އަޅުގަނޑު ބައްދަލުވި ފަހަރުވެސްވަނީ މަންމަ އާ ބައްޕަ ބަލިވެ އުޅޭތީ ރަށަށް ބަދަލުވުމުގެ ވިސްނުން ގެންގުޅޭ ވާހަކަ ބުނެފައެވެ. 14 އަހަރުފަހުން ގަމީރާ އުފަން ރަށަށް ދިރިއުޅުން ބަދަލުކުރީ އޭނާގެ ނަންމަތީގައި ދަނޑުވެރިކަމަށް ނަގާފައި އޮތް އަންހެނުންފުށި ވެސް ދޫކޮށްލާފައެވެ.
ގަމީރާ އެންމެ ފުރަތަމަ އަންހެނުންފުއްޓަށް ދިޔައީ 2008 ވަނަ އަހަރުއެވެ. އޭރު ބ.އަތޮޅުގެ މީހުންނަކަށްވެސް އަންހެނުންފުށީގައި އަންހެނަކު ދަނޑުވެރިކަން ކުރަން އުޅޭކަން އެނގިފައެއް ނުވެއެވެ. އަޅުގަނޑުވެސް އަންހެންފުއްޓަށް ދިޔައީ މިމައުލޫމާތުލިބިގެން އެ ޚަބަރު ނަގާށެވެ. އެހިސާބުން މުޅި ރާއްޖެއަށް ގަމީރާ އެނގިގެން ދިޔައެވެ. އެއަހަރު ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ އިނާމްވެސް ގަމީރާއަށްވަނީ ލިބިފައެވެ.
އަންހެނުންފުށިން ގަމީރާ ފޭބިއިރު އެގްރިކަލްޗަރ މިނިސްޓްރީންވަނީ ދަނޑުވެރިކަން ކުރުމަށް އެރަށް އެހެން ބަޔަކާ ހަވާލުކޮށްފައެވެ. އަންހެނުންފުށި ހަވާލުކޮށްފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ހަސަން ހަލީމް(ހަސަން މެރިން) އާއެވެ.
އަމިއްލަ ރަށަށް ބަދަލުވުމަށްފަހު ގަމީރާ އަންނަނީ ރަށުގައި ބޭކަރީއެއް ހިންގަމުންނެވެ. ގަމީރާ ބުނީ ބޭކަރީ ހިންގިނަމަވެސް ދަނޑުވެރިކަމާ ދުރުނުވާކަމަށާ، ތޮއްޑޫގައި އޭނާއަށް އޮންނަ ދަނޑުގައި އެއްޗެތި ހައްދާނެކަމަށެވެ. އެހެންނަމަވެސް އަންހެނުންފުށީގައި މިކަން ކުރިހާ ފުޅާކޮށް އެކަން ނުކުރެވޭނެކަމަށް އޭނާބުންޏެވެ. ގަމީރާ ބުނީ އޭނާގެ ވިސްނުން ހުރީ ބޭކަރީ ވިޔަފާރި ފުޅާކޮށް ގެސްޓްހައުސް ވިޔަފާރިއާ ދިމާއަށްކަމަށެވެ.
ބ. އަތޮޅުގެ އުތުރު ބިތުގައި އޮންނަ ފަޅުރަށެއްކަމަށްވާ އަންހެނުންފުށީގައި ދަނޑުވެރިކަމުގައި 14 އަހަރު ހޭދަކުރުމަށްފަހު، ގަމީރާ އެރަށުން ފައިބައިގެން ދިޔައީ އެތައް ހަނދާންތަކާއެކުގައެވެ.