ޚަބަރު

20000 މެމްބަރުންގެ ސޮޔާއެކު ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ފޯމު ހުށަހަޅުއްވައިފި


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ފޯމު ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޯމު ހުށަހެޅުއްވިކަން ހާމަކުރެއްވީ، އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ކުރެއްވި ޓުވީޓެއްގައެވެ. ނާޝިޒު ވިދާޅުވީ، ރައީސްގެ ފޯމު ހުށަހަޅުއްވާފައި ވަނީ 20،000 އަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާއެކު ކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅާފައިވާއިރު، އެމަނިކުފާނުގެ ކެމްޕޭން ހަރަކާތް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ފަށާފައެވެ. އެގޮތުން ކެމްޕޭންގެ ގޮތުގައި ޖަގަހަ ޖަލްސާތައް ފެށިއިރު އެކަމުގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް އަދި އެމްޑީޕީ އަލަށް އުފެދިގެން އައިރު އެންމެ އިސް ސަފުގައި ހުންނެވި އެއް ބޭފުޅާކަމުގައިވާ ރީކޯ މޫސާ މަނިކެވެ.

މި އިންތިޚާބުގައި ރައީސް ޞާލިޙުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓިގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވާއިރު، އެމަނިކުފާނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފޯމު ހުށަހަޅުއްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޓައިމްލައިން

18 ޑިސެމްބަރ 2022– ރިޔާސީ ޕްރައިމަރީ އިޢުލާން ކުރުން
18 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން
24 ޑިސެމްބަރ 2022– ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯރމް ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
26 ޑިސެމްބަރ 2022 – ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުން
28 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
31 ޑިސެމްބަރ 2022 – ވޯޓަރޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
03 ޖެނުއަރީ 2023 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުން
10 ޖެނުއަރީ 2023- ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ހުޅުވާލުން
15 ޖެނުއަރީ 2023– ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ބަންދުވުން
28 ޖެނުއަރީ 2023– ރިޔާސީ ޕްރައިމަރީ ވޯޓްލާ ދުވަސް