ޚަބަރު

"ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ކްރިޓިކަލް ތިންކިންގެ ހުނަރު މުހިއްމު"


ސިނާޢީ 4 ވަނަ އިންޤިލާބަށް ކުރިމަތިލުމަށް ދަރިވަރުންނަށް ފުންކޮށް، ފުޅާކޮށް ވިސްނުމުގެ ޤާބިލުކަން އަށަގެންނެވުމަށްޓަކައި ދަރިވަރުންނަށް ދެވޭ މަޢުލޫމާތު ފުޅާކުރަންޖެހިފައިވާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، 6 ވަނަ ޓީޗަރސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކެޝަނުން ބާއްވާ 6 ވަނަ "އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ އިންޤިލާބީ ބަދަލާއެކު ކުދިން ވަނީ ގިނަ މަޢުލޫމާތުތަކަށް ހުޅުވާލެވިފައިކަމަށެވެ.

އެގޮތުން ދީނީ ގޮތުންނާއި، އިޖުތިމާޢީ އެކި ކަންކަމުގެ މަޢުލޫމާތު އިންޓަރނެޓްގެ ޒަރީއްޔާއިން އަތްފޯރާ ފަށަށް އައިސްފައިވާއިރު، މީގެތެރޭގައި ސައްޙަ ނޫން މަޢުލޫމާތު ލިބެން ހުންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެފަދަ މަޢުލޫމާތުތަކާއި އޭގެ ސަބަބުން ކުދިން ކުރިމަތިލާންޖެހޭ އެކި ޙާލަތްތަކާއި ކުރިމަތިލުމުގެ ޤާބިލުކަމަށް އެކުދިން ވާޞިލުކޮށްދޭންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކަންކަމާއި މެދު ކްރިޓިކަލް ތިންކިން ނުވަތަ ފުންކޮށް، ފުޅާކޮށް ނަޒަރިއްޔާތަކުން ވިސްނުމުގެ ޤާބިލުކަން، އަށަގަންނެވުމަށް މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތަޢުލީމީ ބައެއް މުފައްކިރުންގެ ނަޒަރުގައި ސިނާޢީ ހަތަރުވަނަ އިންޤިލާބަށް މުހިއްމީ ވިސްނުމުގެ ހުނަރު ތަކާއި އިންސާނާގެ ޝަޚުސީ ސިފަތައް. ލިޔަންކިޔަން ދަތުމާއި، ހިސާބުގެ ހުނަރުގެ އިތުރުން ފެންނަ މަންޒަރުތަކާއި އަޑުތަކާއި އިވޭ އަޑުތައް ބުއްދީގެ ތަރާދުން ވަޒަންކޮށް ބަލައިގަތުމުގެ ނުވަތަ ބަލައި ނުގަތުމުގެ ހުނަރު. ތިމާގެ ޝަޢުގުވެރިކަން ދަމައިގަތުމަށް އެކި ކުލަތަކާއި އަޑުތަކުން ޒީނަތްތެރިވވެގެން ތިމާއާއި ދިމާއަށް އަންނަ ފޭކު މެސެޖުތަކުން ރެކިގަތުމުގެ ހުނަރު. ކުރުގޮތަކަށް ދަންނަވަނީނަމަ ކްރިޓިކަލް ތިންކިންގ ގެ ހުނަރު. ފުންކޮށް ފުޅާކޮށް ވިސްނުމުގެ ހުނަރު." މިނިސްޓަރ ވިދާޅުވިއެވެ.

"އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް" މިފަހަރު ކުރިއަށްދަނީ މިމަހުގެ 24 އަދި 25 ދެދުވަހުގެ މުއްދަތަކަށް ކުޅުދުއްފުށި ސިޓީގައެވެ. މިކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 220 އަށްވުރެ ގިނަ ޓީޗަރުން ބައިވެރިވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ރާއްޖެއިން ބޭރުގެ ޓީޗަރުންގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ އަދި ތުރުކީގެ ޓީޗަރުން ހިމެނޭކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. މިފަހަރުގެ ކޮންފަރެންސްގައި ތަފާތު އެކި ދާއިރާތަކުން 43 ޢިލްމީ ދިރާސާ ކަރުދާސް ހުށައަޅައި، 4 ވޯކްޝޮޕް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ތަޢުލީމީ ދާއިރާއާއި ގުޅޭ 2 ޕެނަލް ޑިސްކަޝަންވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ.

"އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް"އަކީ ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ ތަޢުލީމީ ދާއިރާގެ އެންމެ ބޮޑު ކޮންފަރެންސެވެ. އެންމެ ފަހުން މިކޮންފަރެންސް ބާއްވާފައިވަނީ 2019 ވަނަ އަހަރު އައްޑޫ ސިޓީގައެވެ.