ޚަބަރު

ލާމާފަރު ފެސްޓިވަލު: ކަނޑުފަޅުގެ ދިރުންތަކަށް ލޯ ހުޅުވައިދޭ މުހިއްމު ފެސްޓިވަލެއް


ލ. އަތޮޅުގައި ބާއްވާ އެންމެ އެއް ބޮޑު ފެސްޓިވަލް "ލާމާފަރު ފެސްޓިވަލް" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. 3 ދުވަހަށް ކުރިއަށްދިޔަ ފެސްޓިވަލުގައި އެ އަތޮޅުގެ 8 ރަށެއްގެ 9 ސުކޫލުން ވަނީ ބައިވެރިވެފައެވެ.

މިފަހަރުގެ ފެސްޓިވަލުގައި ބައިވެރިވެފައިވަނީ ލ. އަތޮޅު ތަޢުލީމީ މަރުކަޒު، އިހައްދޫ ސްކޫލް، ޙަމަދު ސްކޫލް، މުކުރިމަގު ސްކޫލް، ދަނބިދޫ ސްކޫލް، މާމެންދޫ، އިސްދޫކަލައިދޫ، އަދި އިސްދޫ ސްކޫލުންނެވެ. މި ފަހަރުގެ ފެސްޓިވަލްގެ ތީމަކަށް ކަނޑައަޅާފައި އޮތީ އެކު އެކީގައި ރައްކާތެރި "ކެރަމާ" އެވެ.

ލާމުގެ ސިކްސެކްސަން އިން އިންތިޒާމްކޮށްގެން ހިނގާ މި ފެސްޓިވަލަކީ ލާމު ހިމެނޭހެން ކަނޑާއި، ފަރާއި، ކަނޑުފަޅުގައިވާ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކުރުމަށް މުޖްތަމަޢުގެ އެންމެހާ ފަރުދުން ހޭލުންތެރިކުރަން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

ލާމު އަތޮޅުން ފެސްޓިވަލުގައި ބައިވެރިވި ކޮންމެ ރަށެއްގެވެސް އެރަށެއްގެ އެކި އެކި މުއައްސަސާތަކާއި ގުޅިގެން ފެސްޓިވަލް ރާވާފައި ވަނީ އެ އަތޮޅުގެ މުޅި އެކޯސިސްޓަމްއާއި، ފަރުތަކާއި، ދިރުންތަކާ ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ދަރިވަރުންނަށް ފޯރުކޮށްދޭގޮތަށެވެ. މި ފެސްޓިވަލަކީ އަހަރަކު އެއްފަހަރު ބާއްވާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލް އިންތިޒާމު ކުރި ފަރާތުން ވިދާޅުވީ، ކުރިން ފެސްޓިވަލް ބާއްވަމުން އައީ ވަކި ރަށެއްގައި ހުރިހާ ސުކޫލުން ބައިވެރިވާ ގޮތަށް ކަމަށެވެ.

މިކަމުގެ ސަބަބުން ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ ދަރިވަރުން ނިސްބަތުން މަދުވެގެންދާކަމަށެވެ. މިއާ ޚިލާފަށް ރަށު ފެންވަރުގައި ބޭއްވުމުން ލިބޭ އެއްބާރުލުން ބޮޑުކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން ވިދާޅުވެއެވެ.

މި ފަހަރުގެ ލާމާފަރު ފެސްޓިވަލުގައި ބައިވެރިވި ހުރިހާ ސުކޫލަކުންވެސް ވަނީ ތަފާތު ހަރަކާތްތަކެއް ހިންގާފައެވެ. ބައެއް ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ވާދަވެރި މުބާރާތްތަކެއްގެ ގޮތުގައެވެ. މީގެ ތެރޭގައި ތިމާވެއްޓާއި ގުޅުންހުރި އެކި މައުޟޫތަކަށް ބަހުސްކުރުމާއި، ވާހަކަ ދެއްކުމާއި، ފަންނުވެރި އެތަށް ހުށައެޅުންތަކާއި، އުކާލެވޭ ތަކެތިން އުފައްދާފައިވާ ތަކެތީގެ މައުރަޒުތައް ހިމެނެއެވެ.